ޚަބަރު

މަޝްވަރާގައި އެއްބަސްވިގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި


  • މަސްވެރިންގެ ކެތްތެރިކަމަށް މިފްކޯއިން ޝުކުރު އަދާކުރޭ

  • ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެކަން ފާހަގަކުރެއްވި

މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތަކާއި ގުޅޭގޮތުން މަސްވެެރިންނާއެކު އެއްބަސްވި ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިފްކޯގެ ސީއީޢޯ އާއި މެނޭޖްމަންޓް ޓީމުން މަސްވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންގެ އުދާސްތަކާއި ޝަކުވާތައް ވަރަށް ގާތުން އަޑުއަހާފައިވާކަމަށެވެ. އަދި މަސްވެރިން ތަހައްމަލު ކުރަމުން ގެންދަވާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި މި ބައްދަލުވުންތަކުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓިގާތްކަން ނުހަނު އުފަލާއެކު ބަލައިގަންނަކަމަށްވެސް ބަޔާނުގައިވެއެވެ.

މިފްކޯގެ ބަޔާނުގައި ބުނީ މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭގޮތަށް ގުޅިގެން، މިފްކޯގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެކަމަށެވެ. އަދި ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާޙަގަކުރެވިފައިވާ ފަދައިން، މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެ ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށްކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ކުންފުންޏަށް ލިބިގެންދާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.