ޚަބަރު

މެރިކަލްޗަރ ދާއިރާއިން މިސަރަހައްދުގައި ބޮޑު ދައުރެއް އަދާކުރާ ތަނަކަށް ރާއްޖެ ހަދާނަން: ވަޒީރު


  • މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމްވަނީ ނިންމާލާފައި

  • މިޕްރޮގްރާމް 14 ބައިވެރިން ފުރިހަމަކުރި

  • މިއީ ރައީސްގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މަސައްކަތެއް

  • މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ކ. މަނިޔަފުށީގައި

މެރިކަލްޗަރ ސިނާއަތުގައި ރާއްޖެއަކީ މިސަރަހައްދުގައި ބޮޑު ދައުރެއް އަދާކުރާނެ ތަނަކަށް ހައްދަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ހަފްތާ 14މަގުޗާޓުގައި ހިމެނޭ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މެރިކަލްޗާއަކީ ރާއްޖޭގައި ޒަމާނުންސުރެން އެކި ފަންތިތަކުގައި ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ ބޭނުމަކީ މެރިކަލްޗާރކޮށްގެން ރާއްޖޭގައި ރަނގަޅު އާމްދަނީއެެއް ވައްދާ ސިނާއަތަކަށް މި ސިނާއަތް ހެދުންކަމަށެވެ.

ޝިޔާމް ވިދާޅުވީ މެރިކަލްޗާގެ ސިނާއަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެ ސިނާޢަތެއްކަމަށާއި، މިސިނާޢަތުގައި ވިޔަފާރީގެ އުސޫލުން މަސައްކަތް ކުރަން ބޭނުންވާ އެތައް ފަރާތެއް ތިބިކަމަށެވެ. ޝިޔާމް ވިދާޅުވީ މި ވިސްނުމުގައި މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ މެރިކަލްޗާގެ ސިނާއަތް ބޮޑުތަނުން ފުޅާވެގެން ދާނެކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮންމެ ސިނާއަތެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެކަމަށެވެ. އެގޮތުން މެރިންކަލްޗާ ސިނާއަތަށްވެސް ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން އަދި ރިސާޗް ކުރުމުގައިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މެރިންކަލްޗާގެ ސިނާއަތް ތަރައްގީކުރުމަށް ހުރި ގޮންޖެހުންތައް މިސަރުކާރުން ނައްތާލާ ރާއްޖެއަކީ މިސަރަހައްދުގައި މިސިނާއަތުގައި ބޮޑު ދައުރެއް އަދާ ކުރާނެ ތަނަކަށް ހަދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

" މިސަރުކާރުގެ ދައުރުގެ ކުރީ ކޮޅު މިއަންނަ މަހު މިބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އެކީގައި މެރިކަލްޗާރ ރާއްޖޭގައި ތަރައްގީކުރުމަށްޓަކައި ހުރި ޤާނޫނީ ގޮންޖެހުންތައް އަޅުގަނޑުމެން ހުޅުވާލާނަން. އަދި ދިވެހި ރާއްޖެއަކީ މެރި ކަލްޗާރ ސިނާއަތުގައި މުހިންމު ދައުރެއް މިސަރަހައްދުގައި އަދާކުރާނެ ތަނެއްގެ ގޮތުގައި މި ދިވެހި ރާއްޖެ ހަދާނަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭން ބޭރުން މިސިނާޢަތަށް އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް ދިިވެހިރާއްޖެއަކީ ފަހި މާހައުލެއްގެ ގޮތުގައި ހަދައިދޭނެކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީވެސް، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުންކަމަށެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ މިތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ހިންގި ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މިތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 8 އިން މިމަހުގެ 21 ގެ ނިޔަލަށް ކ.މަނިޔަފުށީގައެވެ.

މިޕްރޮގްރާމްގެ ތެރޭގައި، އެކުއަކަލްޗާގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަސް/ދިރުން އާލާކުރުމުގެ ފިލާވަލުތައް ވަނީ ދަސްކޮށްދީފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.