ޚަބަރު

އެމްއޭސީއެލްގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފޯރަމެއް


  • މިފޯރަމް ކުރިއަށްދަނީ ކްރޮސްރޯޑްސްގައި

  • ފޯރަމްގެ ބޭނުމަކީ ލަނޑުދަނޑިތައް ޙާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން

  • މީގެއިތުރު ފޯރަމެއް މިއަހަރު ފަހުކޮޅުވެސް ބާއްވާނެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ އެމް.އޭ.ސީ.އެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމާއި، މިއަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙިއްސާކޮށް އެކަންކަން ޙާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމް.އޭ.ސީ.އެލްއިން ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މިފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި، ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މިފަދަ އިތުރު ފޯރަމެއް މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިންވަނީ ހާމަކޮށްފައެވެ.