ޚަބަރު

ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރާނަން: ރައީސް


  • ސިޔާސީ ކަންކަންކުރަން ކޮމިޝަންތައް ނުހައްދަވާނެކަމަށް ވިދާޅުވި

  • ކޮންމެ ރައްޔިތެއްވެސް ހަމަހަމަވާނެކަމަށް ވިދާޅުވި

ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެކަމަށާއި، ރައްޔިތުންނަށް ފެންނާނީ ޤާނޫނީ ވެރިކަމެއްކުރާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވުންކަމަށާއި ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރިގޮތް ބެލުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. އަދި ކޮންމެ ރައްޔިތެއްވެސް އެމަނިކުފާނަށް ވާނީ ހަމަހަމަކަމަށާއި، ކޮންމެ ރައްޔިތަކާމެދުވެސް ވިސްނަވާނީ އެއް ހަމައަކުންކަމަށެވެ ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނެތެންޖެހޭކަމަށާއި، ސިޔާސީ ވިސްނުމުގައި ބޭއިންސާފުން ކަންކަން ކުރުން ނިމުމަކަށް އަންނަންޖެހޭކަމަށެވެ.

“ކުރީގަ އުފެދުނު ކޮންމެ ސަރުކާރެއްގަހެން ފެނުނު އެކަންތައްތައް. ހަމަ ސަރުކާރު އުފެދޭތަނުން ކޮމިޝަންތައް ހަދައި ކުރީ ސަރުކާރުގެ ސިޔާސީ ވެރިން ހައްޔަރުކުރުމާ ކަންކަން ހިނގި. އެކަމެއް އަޅުގަނޑު ނުކުރަނަން. ނަމަވެސް ޤާނުނުގެ ވެރިކަން ކުރާނަން.”ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަން ހިންގައި ވައްކަން ކޮށްފިނަމަ ނުވަތަ ޤާނޫނާ ޤަވާއިދާ ޚިލާފަށް ކަމެއްކޮށްފިނަމަ އެކަމެއް ބާލާނީ އެކަމާ ގުޅޭ ކޮމިޝަންތަކުންކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ޤައުމަށް ހަމަޖެހުން ގެނައުމަށްކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު ރައްޔިތުންގެ މަޖިލީހުން ފެންނަ ކަންކަން ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މާރިޗުމަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ޤައުމީ ވިސްނުމެއްގައި ރައްޔިތުން މަސައްކަތްކޮށްފިނަމަ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރެވި ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.