ޚަބަރު

ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި


  • އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭނެ ރަންވޭއެއް

  • ސީޕްލޭން ހަބެއް ތަރައްޤީކުރާނެ

  • ޚަރަދުކުރާނީ މަޝްރޫޢު ހިންގާ ކުންފުނިން

ގދ.ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ތައިލެންޑުގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޕޭން ޕެސިފިކް ތައިލެންޑް ކޮމްޕެނީއާއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ސަރުކާރުން ވިދާޅުވީ މި މަޝްރޫޢޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށާއި މަޝްރޫޢުގެ ހުރިހާ ޚަރަދެއްކުރާނީ އެއަރޕޯޓު ތަރައްޤީކުރާ ކުންފުނިންކަމަށެވެ.

ތިނަދޫ ފަޅު ތެރެއިން ބައެއް ހިއްކައިގެން ތަރައްގީކުރާ އެއަރޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި މި އެ އެއަރޕޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށްވެސް ޖެއްސޭނެ ރަންވޭއަކާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ފްލައިން ސްކޫލަކާއި ފްލައިޓުތަކަށް ޚިދުމަތްދޭނެ ޚާއްޞަ ވަސީލަތްތަކާއި ކާގޯ ޓަމިނަލަކާއި ފިއުލްފާމެއްވެސް މިތަނުގައި ތަރައްޤީކުރެވޭނެކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅަކީ ބޮޑު އަތޮޅަކަށްވާތީ އެކި ރަށްރަށަށް ދަތުުރުކުރަން ސީޕްލޭން ޓަމިނަލާއެކު ސީޕްލޭން ހަބެއް ޤާއިމްކުރެވޭނެކަމަށާއި، އެއަރ އެމްބިއުލާންސާއި ޑިކޮމްޕްރެޝަން ޗެމްބަރެއްވެސް އެއަރޕޯޓުގައި ޤާއިމްކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ކޮންޓެކްޓަރު އަމިއްލަ އިންވެސްޓްމަންޓެއްގެ ގޮތުގައި މިކުރަނީ ހަމައެކަނި އަޅުގަނޑުމެން މިތަނުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުމުގެ ބޭނުމުގައެއް ނޫން. އެއާއެކޮށް ވަރަށް ގިނަ އެނދުތައް ރިސޯޓުތައް އެބައާދޭ. މި ކޮންޓެކްޓަރު އެކަނިވެސް 12 ރިސޯޓު ތަރައްޤީކުރުމަށް ހުށައެޅިފައިވޭ. އެއީ 2400އަށްުރެ ގިނަ އެނދު. އެހެންކަމުން މިއީ މިހާތަނަށް ހުވަދުއަތޮޅުގެ ތަރައްޤީއަށް ލިބޭ އެންމެބޮޑު މަޝްރޫޢު”ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިމި، ފަތުރުވެރިކަމުގެ ރޮނގުން މުޅި ހުވަދު އަތޮޅު ބަދަލުކޮށްލާނެކަމަށެވެ.

ހުވަދު އަތޮޅުގައި މިވަގުތުވެސް 3 ޑޮމެސްޓިކް އެއަރޕޯޓު އަންނަނީ ހިންގަމުންނެވެ. ނަމަވެސް މިހާތަނަށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރެވިފައެއް ނެތެވެ. ގދ.އަތޮޅުގައި 3 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އެއީ 113 އެނދެވެ. އަދި 8 ގެސްޓު ހައުސް ހިންގަމުން އަންނައިރު އެތަންތަނުގައި 116 އެނދު އަންނަނީ ހިންގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގައި ހުވަދުއަތޮޅުގައި މަދުވެގެން 10 ހާސް ޓޫރިސްޓު އެނދު ތަރައްޤީކުރަން ވަނީ ހިމަނުއްވާފައެވެ.