ޚަބަރު

ފުނައްޑޫ މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ދަނީ މަސައްކަތްކުރަމުން: ޝިޔާމް


  • ފުނައްޑޫ ބަނދަރުގެ މަރާމާތަށްވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ

  • ފަހުން ހެދި އެސެސްމަންޓަކުން އެއަށްވުރެ ޚަރަދުކުޑަކުރެވިދާނެ ކަމަށް ދައްކާ

  • ފައިސާ ހޯދުމަށް ވުޒާރާއިން ދަނީ އައިޑީބީއާއެކު ވާހަކަދައްކަމުން

ތ. ފުނައްޑޫއަށް މަސް ގަންނަ ފެށުމަށްޓަކައި އެތަނުގެ މަރާމާތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ތ.ފުނައްޑޫން މަސް ގަންނަން ފަށާނެ ތާރީޚަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިސުވާލުގެ ޖަވާބުގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށެވެ. އަދި ކުރިން ލަފާކުރިވަރަށް ވުރެ އަގުހެޔޮކޮށް އެމަސައްކަތްކުރެވިދާނެ ކަަމަށް އެންމެ ފަހުން ހެދި އެސެސްމަންޓުން ދައްކާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" ފުނައްޑޫގެ ބަނދަރު ހެދުމަށް އެކަނިވެސް 157.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ދައްކާ، ވުޒާރާއާއި ހަވާލުވިފަހުން ހެދި އެސެސްމަންޓުން މިއަށްވުރެ ހޭދަ ކުޑަކޮށް އެމަސައްކަތް ކުރެވިދާނެކަމަށް ދައްކާ، އެހެންކަމުން އިންޓާނަލީ ވުޒާރާގައި މިކަމުގެ މަސައްކަތްކުރެވެމުންދަނީ، އިތުރު ފީޒިބިިލިޓީއެއްވެސް ހެދުމުގެ މަސައްކަތްދަނީ ކުރަމުން،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފައިސާ ހިމެނިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބައެއް ބޭންކުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

" މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގައި ހިމެނިފައެއް ނުވޭ، ބަޖެޓުގައި ނުހިމެނޭ ކަންތައްތަކަށް ފައިސާ ހޯދުމަށް ބައެއް ބޭންކުތަކާ އެކު މަޝްވަރާކުރެވެމުންދަނީ، އެގޮތުން ފުނައްޑޫ ހިމެނޭހެން އައިޑީބީއާއެކު މަޝްވަރާކުރެވެމުންދަނީ،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުން ވެގެންދާނީ ތ.އަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަކަށެވެ. ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން 2004 ވަނަ އަހަރު ތަރައްޤީކުރި ރަށެކެވެ.

އަމިއްލަ ފަރާތަކުން އޮޕަރޭޓުކުރަމުން އައި ފުނައްޑޫގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެރަށް ތަރައްޤީކުރުމަށް ނަގާފައިވާ ލޯނެއް ނުދެއްކި އެރަށް އޮތީ ބީއެމްއެލްއަށް ނަގާފައެވެ. އަދި ސަރުކާރުން އޭރުވަނީ ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައެވެ.