ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކުގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމާއެކު އެއްބަސްވުމެއް


  • މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް

  • މީގެ ދަށުން ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާއި ޚިދުމަތުގެ މަޢުލޫމާތު ގެނެސްދޭނެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތްތަކާއި އެކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމާ ދެމެދު އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

މިއެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލްއެވެ. ޕީއެސްއެމުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.

މިއެއްބަސްވުމުގެދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި އެ ކޯޕަރޭޝަންގެ ޚިދުމަތްތަކާއި ބާއްވާ ޙަރަކާތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ. އަދި އެކި މަންސަތަކުގައި އެ ކޯޕަރޭޝަން އިޝްތިހާރުކުރުމުގެ މަސައްކަތްވެސް މިއެއްބަސްވުމުގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެއް އަހަރުގެ މުއްދަތަކަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުވައްޒަފުންނަށް ލުއިގޮތަކަށް ޙައްޖަށް ދިޔުމުގެ ކަންކަން ފަހިކުރުމަށް މަހުން މަހަށް ފައިސާ ދެއްކޭނެ ޚާއްސަ ސްކީމެއްވަނީ ތަޢާރަފްކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތަކީ ރައްޔިތުންނާ ބޮޑު ގުޅުމެއް އޮތް އެއް ޚިދުމަތަށްވާތީ، އެކޯޕަރޭޝަންގެ މަޢުލޫމާތު ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ޕީއެސްއެމުން ދެކެއެވެ. އަދި އެމަޤުޞަދަށް ވާސިލްވުމަށް ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުން މިއެއްބަސްވުމުގެ ދަށުން ލިބޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމުންވަނީ ދީފައެވެ.