ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފި


  • އައު އޭޕްރަންގެ ބޮޑުމިނަކީ 42،000 އަކަފޫޓު

  • އެއްފަހަރާ 7-6 ވަރަށް ޖެޓު ޕާކު ކުރެވޭނެ

  • މިމަސައްކަތަށް ގާތް ގަނޑަކަށް 8 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިން ބޭނުންކުރި ރަންވޭ ބަންދުކޮށް އައު އޭޕްރަން ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވީ މިއޭޕްރަންއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ކުންފުނީގެ އާމްދަނީ އިތުރުކޮށް ތަރައްގީކުރުމަށް ކުރެއްވި މަސައްކަތެއްކަމަށެވެ.

މި މަސައްކަތަކީ ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ މަޝްރޫއުގައި ނުހިމެނޭ ބައެއްކަމަށްވެސް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ މި މަސައްކަތަކީ މިސަރުކާރުން ގާތް ގަނޑަކަށް 8 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ.

ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ މި އޭޕްރަންގެ މަސައްކަތް އަވަހަށް ނިންމީ އެއަރޕޯޓަށް އަންނަ ބޯޓުތައް ވަގުތީ ގޮތުން ޕާކު ކުރުމަށެވެ. އެހެންނަމަވެސް މިއީ ލޯންގްޓާމްގައި ޖެޓު ޕާކު ކުރުމަށް ބޭނުންކުރާނެ ތަނެއްކަމަށް މުބީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަލަށް ހުޅުވި އޭޕްރަންގައި އެއްފަހަރާ 7-6 ވަރަށް ޖެޓު ޕާކު ކުރެވޭނެ ކަމަށެވެ.

" ހަނިމާދޫ އެއަރޕޯޓްގެ ކުރީގެރަންވޭ އާއި އަލަށް މި ހެދޭ ރަންވޭގެ އޮރިއެންޓޭޝަން ކުޑަކޮށް ތަފާތު. މިހާރު އައު ރަންވޭ 1200 މީޓަރު އަޅުގަނޑުމެން ހުޅުވައިފިން މިދިޔަ މަހު. އެތަނާއި ގުޅުވައިގެން އަޅުގަނޑުމެން މި ތަން މިހެދީ. އައު ރަންވޭގައި މިއޭޕްރޮން ބޭނުންކޮށްގެން އެއްކޮށް ބޭނުން ކުރަން ފެށޭނެ މިނިމިފައި އޮތް ބައި ބޭނުންކޮށްގެން. މިތަން ވެގެން ދާނީ މުސްތަގްބަލުގައި ޖެޓް ޕާކިންއަށް އަދި ވަގުތީގޮތުންވެސް މިހާރު ބޭނުން ކުރާނެ އޭޕްރަންއަށްވެސް" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޓަނޭޝަލް ދަތުރުތައް އަންނަ އޭޕްރީލް މަހުގެ 12ގައި އަލުން ފެށޭނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މޯލްޑިވިއަނުން ވަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިނުން ހިންގާ އެމަޝްރޫއުގައި، 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެއެވެ. އެއަރޕޯޓްގެ މަސައްކަތް ނިމޭއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މުޅި މަޝްރޫޢު މި އަހަރުގެތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.