ޚަބަރު

އައްޑުއަށްފަހު ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކަށް


  • ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލާއި ބައްދަލުކުރައްވާނެ

  • ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.

ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް އެ ސިޓީން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ. އަދި މިރޭ އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ކުރިއަށްދާނެއެވެ.

މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުމަށް، އެމަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކެކެވެ.