ޚަބަރު

ތިން މަސްދުވަހުގެ ތެރޭގައި ސާވޭ ނިމި، މިއަހަރު ބްރިޖުގެ މަސައްކަތް ފެށޭނެ: ވަޒީރު


އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖުގެ ސަރވޭ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިމި، މިއަހަރު ތެރޭގައި ބްރިޖުގެ މަސައްކަތް ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބްރިޖުގެ ސާވޭ އާއި ޕްރިލިމިނަރީ ޑިޒައިން މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި ބްރިޖުގެ ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު، ހީބާ އަހުމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން، އެ ބްރިޖުގެ މަޝްރޫއު އިއުލާން ކުރެއްވުމާއެކު ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި އޭގެ ތެރޭގައި ޗައިނާގެ ބޮޑެތި ކުންފުނިތައް ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.

ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް އަރަބް ކޮންޓްރެކްޓާސްއާ މަޝްރޫއު ހަވާލު ކުރެއްވުމަށް ނިންމެވީ އެ ކުންފުނިން މުޅި މަޝްރޫއު އެއްކޮށް ނިންމަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. ސާވޭގެ މަސައްކަތްވެސް ހިލޭ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

"މި ސޮއިކުރި އެއްބަސްވުމާއެކު ބޭނުންވާ ދިރާސާތައް ހެދި، ޑިޒައިންތައް ހެދި، މި ޕްރޮޖެކްޓަށް ދާނެ ޚަރަދުތައް އެނގި، ކަށަވަރުވުމާއެއްކޮށް ދެން އެއަށް ބޭނުންވާ ފައިސާ ހަމަޖެހިގެން އަޅުގަނޑުމެންނަށް އީޕީސީ ކޮންޓްރެކްޓެއްގެ ތެރެއަށް ދެވޭނީ. އީޕީސީ ކޮންޓްރެކްޓާ ހަމައަށް ދިއުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދުމަށްޓަކައި ކުރަން ޖެހޭ ދިރާސާތަކާއި ކުރަން ޖެހޭ އިންޖިނިއަރިން މަސައްކަތްތައް ކުރުމަށް މިއަދު އެއްބަސްވެގެން މިދިޔައީ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި މި މަސައްކަތް ނިމި ފައިނޭންސް ހޯދުމުގެ މަސައްކަތް ސަބްކޮންޓްރެކްޓަރސް އިންކޮށް، އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަގީން ކުރާ ކަމެއް،" މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ބްރިޖު ވެގެންދާނީ އައްޑޫ ސިޓީއަށް ކުރިއެރުމާއި ތަރައްގީ ގެންނާނެ ބްރިޖަކަށް ކަމަށާއި އެހެން އަތޮޅުތަކުން ވެސް ހުޅުމީދޫއަށް މީހުން ހިޖުރަކޮށް ރަށްއިތުރަށް ތަރައްގީ ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.