ޚަބަރު

މަޖިލިސް އިންތިޚާބަށް އިތުރު އޮފިޝަލުން ބޭނުންވޭ: އިލެކްޝަންސް ކޮމިޝަން


  • 6000 އެއްހާ އޮފިޝަލުން ބޭނުންވޭ

  • މިހާތަނަށް ފޯމު ހުށަހެޅީ 5240 މީހުން

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިތުރު އޮފިޝަލުން ބޭނުންވާކަން ހާމަކުރައްވާފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް ހަބީބުވަނީ އެދިވަޑައިގަންނަވާފައެވ.

ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 6000 އެއްހާ މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދި ފޯމު ހުށަހަޅާފައިވަނީ 5240 މީހުންނެވެ.

ހަބީބު ވިދާޅުވި ގޮތުގައި އިތުރު އޮފިޝަލުން ބޭނުންވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އާއި މާލެ ސިޓީ އާއި ފެލިދެއަތޮޅުގެ ރަށްތައް ހިމެނެއެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު މާޗު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރަވެސް ބޮޑުކުރައްވާފައެވެ. އެކޮމިޝަނުން ވިދާޅުވީ އުޖޫރަ ބޮޑުކޮށް، އެކަމަށް ބޭނުންވާ އިތުރު ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ.

މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ އޮފިޝަލުންނަށް އުޖޫރައިގެ އިތުރުން ރަމަޟާން މަހުގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ކެއުމާއި ސައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި ނުދެވޭނަމަ ކޮންމެ އޮފިޝަލަކަށް ރޯދަވީއްލުމުގެ ގޮތުގައި 250 ރުފިޔާއާއި ތަރާވީހުގެ ގޮތުގައި 100 ރުފިޔާ ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މަޖިލިސް އިންތިޚާބުގައި އޮފިޝަލުންގެ އުޖޫރަ:

• ވޯޓުލާ މަރުކަޒުގެ ވެރިޔާ: 2،650 ރުފިޔާ
• މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ: 2،350 ރުފިޔާ
• އޮފިޝަލް: 2،250 ރުފިޔާ
• ރިޒާވް އޮފިޝަލް: 1000 ރުފިޔާ

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް އިލެކްޝަންސް ކޮމިޝަނުން ފެށުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މާޗު މަހުގެ 17ގައެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.