ޚަބަރު

ދެކުނުގެ 4 އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންފި


  • މިދަތުރުފުޅުގައި އައްޑޫ، ފުވައްމުލައް، ގއ އަދި ގދ ވަޑައިގަންނަވާނެ

  • މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެއްވުން ކުރިއަށް ދާނެ

  • މިއީ 5 ދުވަހުގެ ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީގެ މޭޔަރ ޙަސަން ނިޒާރާއި އެސިޓީގެ އެކި ރަށްރަށުން ގިނަ ބަޔަކުވަނީ ގަމުގެ ވައިގެ ބަނދަރަށް އެއްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރަށްރަށުގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. ހިތަދޫއަށް ވަޑައިގެން ހިތަދޫ ކައުންސިލާއި އަންހެނުންގެ ތަރަައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ހިތަދޫގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު މަޝްރޫޢަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުން ކުރިއަށް ދާނެއެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު އައްޑޫ ސިޓީ ހުޅުމީދޫގައެވެ.

5 ދުވަހުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އަދި ހުވަދުއަތޮޅޮގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ މި ދަތުރުފުގައި ވަޑައިނުގަންނަވާ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރެއްވުން މިރަށްތަކުގައި އޮންނާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދަޢުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތިދުވަހުގެ ރެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދެވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫޢަކީ ހުޅުމީދުއާއި ހިތަދޫ ގުޅާލާ ބްރިޖްގެ މަސައްކަތެވެ. މީގެއިތުރުން، ފަތުރުވެރިކަމަށް އިތުރު 6000 އެނދު ނެރުމާއި އާއްމު އިޖްތިމާޢީ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.