ޚަބަރު

ކެންޑިޑޭޓުންގެ މަންދޫބުންނަށް މިފަހަރު ދޫކުރަނީ ޑިޖިޓަލް ފާހެއް


  • މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ފޯމް ހުށައެޅޭނެ

  • ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރަމުންދާ މީހެއް ކަމުގައި ވެގެން ނުވާނެ

  • މަންދޫބުންނަށް ދޫކުރަނީ ޑިޖިޓަލް ފާހެއް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒެއްގައި މަންދޫބަކަށްވުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓުންގެ މަންދޫބަކަށް ވެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށްކަމަށެވެ. އަދި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރަމުންދާ މީހެއް ކަމުގައި ވެގެން ނުވާނެކަމަށާއި، އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އެކޮމިޝަނުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ވެގެން ނުވާނެކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއަކަށް ނުވުމާއި، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުމާއި، ކުށެއްގެ ތުޙުމަތުގައި ބަންދުކޮށްފައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އިސީގެ ޝަރުތުތަކުގެ ތެރޭގައިވެއެވެ.

މަންދޫބަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުމާއި އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކަށް ކަމުގައިވެސް ވެގެން ނުވާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރާނީ ޑިޖިޓަލް ފާހެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މަންދޫބުންނަށް ވުމަށް އެދި އީމެއިލް އަދި އިންތިޚާބާ ބެހޭ މަރުކަޒަށް ފޯމް ހުށައެޅޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިހާރު ވަނީ ތަރުތީބުކޮށްފައެވެ. މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 381 މީހަކު ވަނީ ފޯމު ހުށަހަޅައިފައެވެ. ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުޞަތުގައި 4 ކެންޑިޑޭޓެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.