ރިޕޯޓް

ޓާޓާ ކުންފުނިން މާލޭގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓް އަޅަނީ


އޯޑިއޯން އަދި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޓާޓާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓުން ބުނެފިއެވެ.

މާލޭގެ 4 ބިމެއްގައި ފްލެޓް އެޅުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާއި ސަރުކާރުން ހަވާލުކުރައްވާފައިވާއިރު، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އަޅާފައިވާ 288 ފްލެޓްގެ މަސައްކަތް ނިމި، އެ ދެތަން މިހާރުވަނީ ސަރުކާރާއި ހަވާލުކުރައްވާފައެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭގެ 4 ސަރަޙައްދެއްގައި ފްލެޓްތައް އެޅުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި 4 ބިމުގެ ތެރެއިން ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާ ފްލެތްތަކުގެ މަސައްކަތް ފަށާފައި ވަނީ 2012 އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ދިމާވި އެކި އެކި ސަބަބުތަކާއި ހުރެ އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަސައްކަތްތައް އަލުން ފެށިގެން ދިޔައީ ޓާޓާ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އިސްލާހުތަކެއް ގެނައުމަށްފަހުގައެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ސޯޝަލް ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާއި، އެކުންފުނީގެ ރާއްޖޭގެ ޕާޓްނަރ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް، އެޗް.އާރ.ސީ ގުޅިގެންނެވެ. އެޕެކްސް ރިއަލިޓީއަކީ އިންޑިޔާގެ ޓާޓާ ކުންފުންޏާއި، އެސް.ޖީ18 ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެކެވެ.

img:http://s2.psmnews.mv/images/660x400/14611605734170.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް / ފޮޓޯ: ޕީއެސްއެމް

ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ މަސައްކަތައްފަހު، ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް މިހާރު ވަނީ ސަރުކާރާއި ހަވާލުކުރައްވާފައެވެ. އެގޮތުން އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްވެސް ހަދާފައިވަނީ 3 ކޮޓަރިއާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެންނެވެ.

މީގެ އިތުރުން ވައި ދައުރުވާނޭހެން ވެންޓިލޭޓަރ ހަރުކޮށް، ފަސޭހައިން އަރައިފޭބުމަށް ސިޑީގެ އިތުރުން ލިފްޓުވެސް ބަހައްޓާފައިވެއެވެ. ހަމައެހެންމެ އަލިފާނުގެ ޙަދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، މާލެއިން ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި، 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމަށް ބެކަޕް ޖަނަރޭޓަރުވެސް މި އިމާރާތުގައި އިންސްޓޯލްކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެންއަރުވާ ވަޑާމަކާއި، އެކުދިން ކުޅޭނެ ސަރަހައްދުތަކާއި، ޕާޓިތަކަށާއި އެހެނިހެން ހަފްލާތަކަށްވެސް ބޭނުންކުރެވޭނޭހެން ޓެރެހެއްވެސް ތަރައްޤީކޮށްފައިވެއެވެ.

މި ދެ އިމާރާތުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްގެ ޗެއަރމަން މުހައްމަދު އަލީ ޖަނާޙް ވިދާޅުވީ، މި ދެ ތަންވެސް ޑިޒައިންކޮށްފައިވާނީ 2012 ވަނަ އަހަރު ސަރުކާރުން ހުއްދަދެއްވާފައިވާ ޑިޒައިންނާއި އެއްގޮތަށް، އެއްވެސް ބަދަލެއް ނުގެނެސްކަމަށެވެ. ޓާޓާ ކުންފުންޏާއި، ސަރުކާރާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން މި ފްލެޓްތަކުގެ މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރާ ތާރީޚުގައި އެތަނަށްވާ ފައިސާ ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހެއެވެ. ޖަނާޙް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފައިސާ ދައްކަވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށާއި، މުޅި މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމުގައި ސަރުކާރުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަކަމަށެވެ.

img:http://s1.psmnews.mv/images/660x400/14611606258913.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް / ފޮޓޯ: ޕީއެސްއެމް

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ނިމިފައިވާއިރު، އެޕެކްސް ރިއަލިޓީގެ ފަރާތުން މިހާރުދަނީ އެ ދެތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރީޓެއިލް ފިހާރަތަކުގެ މަސައްކަތް އެއްކޮށް ނިންމާ، ކުރިއަށް އޮތް 2 މަސްދުވަސް ތެރޭ އެތަންތަން ވިޔަފާރިވެރިންނަށް ދޫކުރުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ 120 ފްލެޓްގެ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފްލެޓްތަކުގެ ތެރެއިން އޯޑިއޯން ހުންނަ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ވަނީ 45 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ. މިފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މި ތަން ޑިޒައިން ކުރެވިފައިވަނީ އެންމެ ޒަމާނީ ފެންވަރަށް، ލަގްޒަނީ ޚިދުމަތްތައް ލިބޭނޭހެންކަމަށް ޖަނާޙް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި އިތުރު 3000 ހައުސިންގ ޔުނިޓް އެޅުމަށް އެޕެކްސް ރިއަލިޓީން ޝަޢުގުވެރިވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން ޕްރޮޕޯސަލް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެޕެކްސް ރިއަލިޓީ މައުލޫމާތުދެއެވެ.