އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފަހު ވަގުތު ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް، މަސްއޮޑި ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މަސްއޮޑިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު މިދިޔަ ސީޒަނުގެ ތިންވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދި މަސްއޮޑިން ވަނީ މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓާފައެވެ.
މިއަދު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މަސްއޮޑިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އަބްދުﷲ ޒިޔާން ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ވިކްޓަރީގެ ގޯލްކީޕަރު ހަނީފް ސާގިބް އަތުން ދޫވި ބޯޅައެއް ހޯދައި، ހުސެއިން ޝަރީފް ވަނީ މަސްއޮޑިއަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ވިކްޓަރީން ފަރަގު ކުޑަކުރީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މޫސާ ޔާމިން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) އެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި ވިކްޓަރީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ފުރްކަޖޯން ހަސަންބޮއޭފް ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އެވެ.
މި މެޗުން މަސްއޮޑި މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އޮޑީލީ ޗިޑީ ފީލިކްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަލީ ޝާމިސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުންނެވެ.
މި މޮޅާއެކު މަސްއޮޑިން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދިއިރު، ފައިނަލުގެ ޖާގައަކާއެކު ވިކްޓަރީ އާއި މަސްއޮޑިއަށްވެސް ވަނީ އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފައެވެ. މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ފެއާޕްލޭ ޓީމަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ނިއު ރޭޑިއަންޓުގެ ފޯވާޑް ކޯފީ އޮވޫސޫއެވެ. އެގޮތުން އޭނާ ވަނީ މުބާރާތުގައި ހަތް ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަސްއޮޑި ޓީމުގެ އިސްލާމް ފެކްރީއެވެ.