ޚަބަރު

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ކުރިއެރުވުމަށް އެމެރިކާއާއި އޮސްޓްރޭލިއާއެކު މަޝްވަރާކޮށްފި


  • ޕީޖީއަށް ދިން ހަމަލާއާ ގުޅިގެން ސަފީރުން ކަންބޮޑުވުން ފާޅުކުރެއްވި

  • މިހާރުވެސް ދެ ޤައުމުން ޖިނާޢީ އަދުލުގެ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދޭ

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ކުރިއެރުވުމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް، އެމެރިކާ އާއި އޮސްޓްރޭލިއާ ސަފީރާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ދެ ޤައުމުގެ ސަފީރުންނާއެކު ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކުގައެވެ. ޕީޖީ ޝަމީމު އެމެރިކާގެ ސަފީރު ހޫގޯ ޔޮންއާ ބައްދަލުކުރެއްވީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސައްޕާއާ ބައްދަލުކުރެއްވީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ސަފީރުން ވެސް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޝަމީމަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އޮންނަ ގުޅުމުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، އެ ޑިޕާޓްމަންޓުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުން، މަސައްކަތް ކުރައްވާފައިވާކަން އެ އޮފީހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުންވެސް ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތުގައި ދެ ޤައުމުގެ ސަރުކާރުން ދެއްވާ ޚާއްޞަ އެހީތެރިކަން ޝަމީމް ފާހަގަކުރެއްވިއެވެ.