ޚަބަރު

ގެވެށިއަނިޔާއާ ދެކޮޅަށް ރެހެންދި ސްކޫލުން ކެމްޕޭނެއް ފަށައިފި


އަންހެނުންނަށް ކުރާ ގެވެށި އަނިޔާއާ ދެކޮޅަށް ރެހެންދި ސްކޫލުގެ ޕީޓީއޭއިން އިސްނަގައިގެން ފެށި ޚާއްޞަ ކެމްޕޭން މާލޭގެ ދެ ސަރަހައްދެއްގައި ބާއްވައިފިއެވެ.

އެގޮތުން މާލޭގައި ކުރިޔަށްގެންދިޔަ ކޭމްޕް ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރެވެ. ނަޒީރު ވަނީ މި ކެމްޕޭން މާލޭގައި ފައްޓަވައިދެއްވުމުގެ ގޮތުން މި ކެމްޕޭނަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބެޖެއް ބައްލަވައިގަނެފައެވެ.

ވެލާނާގޭ ސަރައްހައްދުގައާއި، ފިނޭންސް މިނިސްޓްރީ ހުންނަ ސަރަހައްދުގައި ކުރިޔަށްގެންދިޔަ މި ކެމްޕޭންގައި ގެވެށި އަނިޔާ އާ ބެހޭ މައުލޫމާތު ދިނުމާއި، މިކަމަށް ޙާއްސަކުރެރެވިފައިވާ ބެޖް ވިއްކުން ކުރިޔަށް ގެންގޮސްފައިވެއެވެ. ރެހެންދި ސްކޫލުން ވިދާޅުވީ މިފަދަ ކެމްޕޭނެއް ފެށުމުގެ މަޤްޞަދަކީ ސްކޫލް ދަރިވަރުން ޓީޗަރުން އަދި ބެލެނެވެރިން މުޖްތަމަޢުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ މިންވަރާއި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގެވެށި އަނިޔާ ހުއްޓުވުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

"ރެހެންދި ސްކޫލް ގެވެށި އަނިޔާއާ ދެކޮޅަށް 2016" ނަމުގައި، އެ ސްކޫލުން ފެށި މި ކޭމްޕަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެ ސްކޫލުގެ ޕޭރެންޓް އެންޑް ޓީޗާރސް އެސޯސިއޭޝަން ގުޅިގެން ފެށި ކެމްޕޭނެކެވެ.