ޚަބަރު

މިއަހަރުގެ މިހާތަނަށް 68 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވޭ


  • މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 144 މީހުން ރިޕޯޓު ކޮށްފައިވޭ

  • މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 29693 މީހުން ރިޕޯޓުކޮށްފައިވޭ

  • މި ދިޔަ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 5386 މީހުން

މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 68 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު، މިއަހަރު ޖެނުއަރީ މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދު ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 352 މީހުންގެ ސާމްޕަލްގެ ތެރެއިން 68 މީހުންގެ ސާމްޕަލްވަނީ ޕޮޒިޓިވްވެފައެވެ. 2023 ވަނަ އަހަރު ޑިސެމްބަރު މަހު ޓެސްޓުކުރެވުނު 251 މީހުންގެ ސާމްޕަލްގެ ތެރެެއިން ޕޮޒިޓިވްވެފައި ވަނީ 24 މީހުންނެއެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު މިއަހަރު ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 194 މީހުންނެވެ. އަދި މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ، 144 މީހުންނެވެ.

މިދިޔަ ޑިސެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދުވެސް ދަށަށް ގޮސްފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު 31،225 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 29،693 މީހުންނެއެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 3،486 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 5،386 އަށް އިތުރުވެފައެވެ.

ކޯވިޑް-19 އާއި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ ކިބިހި އަޅާއިރު އަނގަމައްޗާއި، ނޭފަތުގައި ޓިޝޫފަދަ އެއްޗެއް އެޅުމާއި،ޢާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމުކަމަށާއި، މި ފަރާތްތައް ރޯގާޖެހި ހުން އަންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

މީގެ އިތުރުން، ބޭރަަށް ހިންގާނަމަކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން މުހިންމު ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.