ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދިނުމަށް އޮންލައިން ޚާއްޞަ ޗެނަލެއް ތަޢާރަގްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ އޮންލައިންކޮށް ކިޔަވައިދިނުން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދިނުމުގެ ޕައިލެޓުކޮށް ކުރިއަށްގެންދާތާ ދެހަފްތާވެއްޖެކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ލިބޭ މަޢުލޫމާތުގެ އަލީގައި މި ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ދަރިވަރުންނާ ގުޅޭގޮތަށް ބަދަލުތައް ގެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ތަޢުލީމީ ވުޒާރާގެ ވިސްނުމަކީ ދިވެހިން ބޭރުގައި އުޅޭއިރު އޮންލައިންކޮށް އިސްލާމާއި ދިވެހި މާއްދާ ކިޔެވޭނެ މަގު ފަހިކުރުންކަމަށެވެ. އަދި ނެޝަނަލް އިންޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ މަސައްކަތާއެކު އެކަމަށް ޚާއްޞަ އޮންލައިން ޗެނަލެއް ތަޢާރަފްކުރުމަށް މަސައްކަތްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަފީޢު ވަނީ ދިވެހި މާއްދާއާއި އެއްގޮތަށް އިސްލާމް މާއްދާވެސް ދިވެހިން ކިޔަވައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ހަގީގަތުގައިވެސް ތުއްތުކުދިން 3 އަހަރު އަދި 4 އަހަރު ކީއްކުރަން 11 އަހަރު، 12 އަހަރުގެ ދަރިވަރުންވެސް ކިޔެވުމަށް ބޭނުންވާ ފޮތްތައް ދިވެހިބަހުން ހުރިލެއް މަދު. ވާހަކަ ފޮތް ސީރީސްތައް ނެތް. އެކަށީގެންވާ ފޮތްތަކެއް އަޅުގަނޑުމެންނަކަށް ޝާއިއުކުރެވިފައެއް ނެތް. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެން ގަސްތުކުރަނީ އަގުބޮޑު މަސައްކަތެއްކަމުގައި ވިޔަސް ދިވެހި ބަހުން މިޒަމާނާ ގުޅޭ އަދި ކުދިންގެ ޚިޔާލާ ފިކުރު ތަރައްޤީކޮށ ްކުދިން ޝައުގުވެރިވާނެފަދަ ވާހަކަތަކާއި މަޖައްލާތައް ނެރުމަކީ ވަރަށް ބޮޑު އަޒުމެއް." ޑރ. ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ މަސައްކަތްކުރުމަށް އެކަމުގެ ފަންނީ މީހުންނާއެކު މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހިން ބޭރުގައި ދިރިއުޅުނުކަމުގައިވިޔަސް ރާއްޖޭގެ ތާރީޚާއި، ދިވެހި އަބްޠާލުންގެ އަގުހުރި ޒިކުރާއާއި، ދިވެހި ދިދާގެ ފުންމާނަތައް ކޮންމެ ދަރިވަރަކަށްވެސް އެނގުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިންގެ ސުލްހަ މަސަލަސްކަމާއި އިސްލާމް ވައްނަތަކަމަކީ ކޮންމެ ތަނެއްގައި އުޅުނުކަމުގައި ވިޔަސް ތުއްތުކުދިންގެ ހިތްތަކުގައި ބިންވަޅު ނެގެންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރުގެ ވާހަކަފުޅުގައި ދިވެހިން ރާއްޖެއިން ކިޔެވުމަށްފަހު ޚިދުމަތްކުރަން އެނބުރި ޤައުމަށް އައުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ރައީސްގެ ސްކޯލާޝިޕާ އެނޫންވެސް ދައުލަތުގެ ސްކޯލާޝިޕްގައި ތައުލީމް ޙާސިލްކޮށް ގިނަ ދަރިވަރުން ރާއްޖެ ނާނަންކަމަށާއި، މިއީ ރާއްޖެއަށް ގެއްލުމެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އެހެންކަމުން މަތީ ތަޢުލީމު ރާއްޖެއިން ބޭރުން ހާސިލްކޮށް، އެނބުރި ރާއްޖެއަށް އައިސް ރާއްޖެއަށް ޚިދުމަތްކުރުމަކުރުމަކީ ކޮންމެ ކުއްޖެއްގެ އަޒުމަކާ ފަޚުރަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.