ޚަބަރު

ޖެނުއަރީމަހު ޒަކާތު ފަންޑު މެދުވެރިކޮށް 4 ލައްކަ ރުފިޔާގެ އެހީ ދީފައިވޭ


  • އެހީ ދިނުމަށް ޖުމްލަ 7 ލައްކައަށްވުރެ ގިނަ ފައިސާ ހަމަޖައްސާފައިވޭ

  • މައިގަނޑު 4 ދާއިރާއަކަށް ޖެނުއަރީމަހު އެހީ ދީފައިވޭ

  • ޢާމިލުންގެ އުޖޫރަ ދިނުމާއި، ދީނީ ޕްރޮގުރާމްތައް ހިންގުމަށްވެސް ޚަރަދުކޮށްފައިވޭ

ޒަކާތުން ފަންޑު މިދިޔަމަހު އެކަނިވެސް 4 ލައްކައަށްވުރެ ގިނަ ރުފިޔާ އެހީގެގޮތުގައި ޚަރަދުކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ 794،120.50 ރުފިޔާގެ ތެރެއިން 441،012 ރުފިޔާ އެހީގެގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ފަންޑުން މިދިޔަމަހު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދިނުމަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކެންސަރަށް ފަރުވާކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 207،784 ރުފިޔާގެ އެހީ ވަނީ ދީފައެވެ. މީގެ އިތުރުން ޓްރާންސްޕްލާންޓް ހެދުމަށް 76،329 ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 59،367 ރުފިޔާ އަދި ހިތުގެ އޮޕަރޭޝަންތަކަށް 42،405 ރުފިޔާ ދީފައިވެއެވެ. އަދި އެހެނިހެން ކަންކަމަށް 408،235.50 ރުފިޔާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒަކާތު ފަންޑު މެދުވެރިކޮށް، 65 ފަރާތަކަށް އެހީގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޚާއްސަ ޙާލަތެއް ނުވަތަ ޟަރޫރީ ޙާލަތްތައް މެދުވެރިވެގެން 6 ފަރާތަކުން އެހީއަށް އެދިފައިވާއިރު، އެފަރާތްތަކަށް 16،437.11 ރުފިޔާ އެހީގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

ޒަކާތު ހައުސްއިން އެހެނިހެން ޚަރަދުތަކުގެ ގޮތުގައި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 292،177.94 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޢާމިލުންގެ އުޖޫރާއިގެ ގޮތުގައި 172،050.59 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ. މި އިދާރާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 18 ގައެވެ.