ޚަބަރު

މިއަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރުން އައްޔަންކޮށްފި


  • ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް 3 ފަނޑިޔާރަކު އައްޔަން ކުރާނެ

  • މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއަލް ކޯޓުން އައްޔަންކުރާ ފަނޑިޔާރުން

  • މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި، ނިންމާ ނިންމުންތައް ޑިޖޭއޭގެ ވެބްސައިޓުން ފެންނާނެ

2024 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް، ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެކެވެ. މި މަޖިލީހަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ މަޖިލީހެކެވެ.

ކޮންމެ އަހަރަކުވެސް، ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް 3 ފަނޑިޔާރަކު އައްޔަންކުރާނެއެވެ. އެގޮތުން، ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ހައި ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ސުޕީރިއަލް ކޯޓުތަކުން އައްޔަންކުރާ ފަނޑިޔާރަކު، މި މަޖިލީހުގައި ތިއްބަވައެވެ.

މިގޮތުން، މިފަހަރުގެ މަޖިލީހަށް އައްޔަންކޮށްފައިވާ 3 ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގައިވާގޮތުގެ މަތިން މި މަޖިލީހަށް އައްޔަންކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެކެވެ.

މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އައްޔަންކޮށްފައިވާ 3 ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދާއި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލާއި، ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާމެދު، ނިންމާ ގޮތުގެ ރިޕޯޓު ޑީޖޭއޭގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.