އއ. ރަސްދޫގައި އިންޑޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށްޓަވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރަސްދޫ ކްލަބް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
މިރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އިންޑޯ ކޮމްޕްލެކްސްތައް ހުރުމަކީ މުހިއްމުކަމެއްކަމަށެވެ. ކުޅިވަރަކީވެސް ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ވާނެކަމެއްގެ ގޮތުގައި ރާވާ ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަން ކުރެވޭނީ އަތޮޅުތެރޭގެ އެކި ސަރަހައްދުގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތައްވެސް ބާއްވައިގެންކަމަށާއި އެކަމަށްޓަކައި ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ޤާއިމްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އެގޮތުން އއ. ރަސްދޫއަކީވެސް ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވާ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މިއަހަރުގެ ތެރޭ އެރަށުގައި އިންޑޯ ކޮމްޕްލެކްސްއެއް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުއްޓިފައި އޮތް ވޮލީކޯޓުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އައުޓްޑޯ މުބާރާތެއް ކުރިއަށްދާއިރުގައި ވާރޭ ވެހެން ފަށައިފިިއްޔާ ދެން ޖެހެނީ މުބާރާތް ހުއްޓާލަން. މިހާރުވެސް މަސައްކަތް ކުރަނީ މުބާރާތްތައް ރާއްޖޭގެ ރަށްރަށުގައި ނުވަތަ އަތޮޅުތަކުގައި ބާއްވަން. މިއޮތް ހުރިހާ ދުވަހަކުވެސް ކުޅިވަރަކީ އަމިއްލައަށް ޚަރަދުކުރާ ކަމެއްގެ ގޮތުގައި މިވަނީ. ނަމަވެސް މިކަން އެބަޖެހޭ ބަދަލުވާން." ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ ތަންތަނެވެ. އަދި މި ތަންތަން ތަރައްޤީކުރަނީ އެފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކުގައެވެ.