ޚަބަރު

މަކަރާއި ހީލަތުން ބައިމިލިޔަން ރުފިޔާ މިއަދު އަތުލައިގެންފި


  • މިފައިސާ އަތުލައިގަތީ ފްލެޓު ކަށަވަރުކުރުމަށް ކަމަށް ބުނެ އޯޓީޕީ ފޮނުވައިގެން

  • ފުލުހުންވަނީ ފައިސާއަށް ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައި

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން މިއަދު 500،000 (ބައިމިލިޔަން)ރުފިޔާ އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

އެކްސްގައި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓެއްގައިވަނީ ފުލެޓް ލިބިފައިވާ ކަމަށް ބުނެ އޯޓީޕީ ހޯދައިގެން 500،000 (ބައިމިލިޔަން) ރުފިޔާ ބަޔަކު ހޯދާފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ބީއެމްއެލްއާއި އެޗްޑީސީ ފަދަ ތަންތަނުގެ ނަމުގައި އޯޓީޕީ ހޯދުމަށް ވެސް ބައެއް ފަރާތްތަކަށް މެސެޖުތައް ފޮނުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މިފަދަ އޮޅުވާލުންތަކުގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި ފައިސާ ހޯދުމަށް ފޯނުން ގުޅުމާއި މެސެޖުކުރުން ވަނީ ޢާންމުވެފައެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރާ ސްކޭމްގެ ތެރޭގައި ފްލެޓާއި ބިމާއި ގުޅޭ ފައިސާގެ މުޢާމަލާތާއި، އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގުމުގެ ނަމުގައާއި އޮންލައިން ވިޔަފާރިތަކާއި ޑޮލަރުގެ މުއާމަލާތްތަކުން އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވެފައިވާކަން މީގެ ކުރިންވެސް ފުލުހުން ފާހަގަކުރެއެވެ.

އެގޮތުން މިމަހުގެ 8 ވަނަ ދުވަހު މަކަރާއި ހީލަތުގެ ތެރެއިން އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 2 ލައްކަ ރުފިޔާ ބަޔަކު ވަނީ ނަގާފައެވެ. އެފަހަރުވެސް ފުލުހުން ވިދާޅުވީ 2 ލައްކަ ރުފިޔާ އެކައުންޓް ނަގާފައިވަނީ ފްލެޓެއް ލިބިއްޖެކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެންކަމަށެވެ.

ފުލުހުންވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.