ޚަބަރު

ފަޔަރ ކޯޑެއް ތައްޔާރުކުރައްވާ، އަމަލުކުރަން ބާރުއަޅުއްވާނެ


ހައުސިންގ މިނިސްޓްރީއާއި ގުޅިވަޑައިގެން ފަޔަރ ކޯޑެއް ތައްޔާރުކުރައްވައި، ކުރިޔަށް އޮތްތާނގައި އެއާ އެއްގޮތަށް މީހުން ޢަމަލުކުރުމަށް ބާރު އަޅުއްވަމުން ގެންދަވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ޕީ.އެސް.އެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެފަދަ ޙާދިސާތައް ހިނގުން ވީހާވެސް މަދުކުރުމަށް ކުރައްވަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށެވެ. އެގޮތުން އަލިފާނުގެ ޙާދިސާތައް ހިނގުމުން އެކަމުން ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރެއްވުމަށް އެމް.އެން.ޑީ.އެފްގެ ޤާބިލުކަން އިތުރުކުރައްވައި، އިތުރު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލިފާން ނިއްވުމުގައި ބޭނުންކުރާނެ އިތުރު ވަޞީލަތްތައް ހޯއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނުންވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާގައި އެޢިމާރާތް އެއްކޮށް އަނދައި ހުލިވެފައިވާއިރު، އަލިފާނުގެ ޙާދިސާ ހިނގިތަނުގެ ކައިރީގައި ހުރި މީހުން ދިރިއުޅޭ 3 ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ކޯސްޓްލައިން ހާރޑްވެއަރގައި އަލިފާން ހިފައި، ހިނގި މި ނުރައްކާތެރި ޙާދިސާއިން މިންޖުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ސިފައިންނާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމުންނެވެ. އެމް.އެން.ޑީ.އެފްގެ އިތުރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމް.އޭ.ސީ.އެލްގެ ފަޔަރ ފައިޓަރުންގެ ޓީމާއި ފުލުހުންގެ ޓީމުން ކޮށްފައިވަނީ ފާހަގަކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން ބައެއް ޢާންމުންވެސް އަލިފާން ނިއްވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

އަލިފާން ނިއްވުމުގައި މަސައްކަތްކުރި ޓީމްތަކުގެ މެންބަރުން އަމިއްލަ ނަފްސުގެ ރައްކަލަށް ދިން އިސްކަމަށްވުރެ ބޮޑަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނިގެންދިޔައެވެ. އަލިފާން ނިއްވުމުގައި ބައިވެރިވި ބައެއް ފަޔަރ ފައިޓަރުންނާ ޕީ.އެސް.އެމުން ވާހަކަދައްކާލީމެވެ.

ދިމާވާ މިފަދަ ކޮންމެ ނުރައްކާތެރި ޙާލަތެއްގައި ޖާނާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބޭ ސަލާމަތީ ބާރުތަކުގެ މަސައްކަތްތައް ހުރިހާ ދިވެހިންވެސް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ. މިފަދަ ޙާދިސާތައް ހިނގުން މުޅިން ހުއްޓުވުމަކީ ނާދިރު ކަމެއް ނަމަވެސް މިފަދަ ކަންކަމުން ލިބޭ ގެއްލުން ކުޑަކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ.