ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އޭސީސީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާއްމުކުރިނަމަވެސް، އެއީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ.
އޭސީސީން ބުނީ ފްލެޓް މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މާއްޗަށް ބިނާކޮށް، ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މަޢުލޫމާތު މިހާތަނަށް ހިއްސާކޮށްފައިވާނީ، ހައުސިންގ މިނިސްޓްރީއާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ނުވަތަ ލިޔުމެއްވެސް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައިނުވާނޭކަމަށް އޭސީސީން ވިދާޅުވެއެވެ.
އޭސީސީން ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ޙަޤީޤަތާ ޚިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާޅުވެ، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭސީސީން ވިދާޅުވީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރާނީ ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި، މީޑިއާތަކަށް ރަސްމީކޮށް މައުލޫމާތު ފޯރުކޮށްދީގެންކަމަށެވެ. އަދި އެ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.