ޚަބަރު

"ރާއްޖެ ޖޫނިއަރ"ގައި ބައިވެރިނުވެވޭ ކުދިންނަށް އެހެން ފުރުސަތެއް


  • މުބާރާތް ކުރިއަށްދާނީ 3 އުމުރުފުރައަކަށް ބަހާލައިގެން

  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖޫން 2026

  • މުބާރާތް ކުރިއަށްދާނީ 19 އަދި 20 ޖޫން 2026 ގައި

"ރާއްޖެ ޖޫނިއަރ" ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރި ނުވެވޭ އުމުރުފުރާތަކަށް ހާއްސަކޮށްގެން، "ދަ ރައިސިންގ ސްޓާސް ފިއެސްތާ 2026" ގެ ނަމުގައި ޓޭބަލް ޓެނިސް މުބާރާތެއް އިއުލާނުކޮށްފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ކުރިއަށްދާނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އިވެންޓުތަކެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ، ޓީޓީ ކުޅެން ފަށާ ކުދިންނަށް، އަދި ކުރިއަރަމުން އަންނަ ކުދިންނަށް ވާދަވެރި މާހައުލެއްގައި ކުޅެލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް، ޓޭބަލް ޓެނިސް އެސޯސިއޭޝަނުންގެ އިއުލާނުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި ކުރިއަށްދާނީ ކޮންމެ އުމުރުފުރައެއްގެވެސް ސިންގަލްސް އިވެންޓުތައް އެކަންޏެވެ. ނަމަވެސް، 13 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

"ކެޓެގަރީ އޭ" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ބެސްޓް އޮފް ފައިވް"، ނުވަތަ ފަސް ސެޓުން އެންމެ ގިނަ ސެޓު ގެންދާ ކުޅުންތެރިއަކު މޮޅުވާ ގޮތަށެވެ. "ކެޓަގަރީ ބީ" ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ބެސް އޮފް ތްރީ"، ނުވަތަ ތިން ސެޓުން އެންމެ ގިނަ ސެޓު ގެންދާ ކުޅުންތެރިއަކު މޮޅުވާ ގޮތަށެވެ.

މުބާރާތުގެ ކޮންމެ އިވެންޓެއްވެސް ކުރިއަށްދާނީ ގުރޫޕް ސްޓޭޖު އަދި ނޮކައުޓް ބުރަށް ބަހާލައިގެންނެވެ،

މި މުބާރާތުގައި ބައިވެރިވެވޭނީ "ރާއްޖެ ޖޫނިއަރ" ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިނުވާ ކުޅުންތެރިންނަށެވެ. އަދި، މުބާރާތުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނީ އެންމެ އުމުރުފުރައެއްގައެވެ.

އުމުރުފުރާތައް ބަހާލެވިފައިވާ ގޮތް:

- 9 އަހަރުން ދަށް: 2026 ވަނަ އަހަރަށް 9 އަހަރު ފުރިފައިވާ ކުދިންނާއި އެއަށްވުރެ ހަގު ކުދިން (2017 ވަނަ އަހަރުގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން)

- 11 އަހަރުން ދަށް: 2026 ވަނަ އަހަރަށް 11 އަހަރު ފުރިފައިވާ ކުދިންނާއި އެއަށްވުރެ ހަގު ކުދިން (2015 ވަނަ އަހަރުގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން)

- 13 އަހަރުން ދަށް: 2026 ވަނަ އަހަރަށް 13 އަހަރު ފުރިފައިވާ ކުދިންނާއި އެއަށްވުރެ ހަގު ކުދިން (2013 ވަނަ އަހަރުގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން)

މުބާރާތުގެ ކެޓަގަރީތަކުގެ ތެރެއިން ކެޓެގަރީއެއްގައި 6 ނުވަތަ އެއަށްވުރެ އިތުރަށް ކުޅުންތެރިން ބައިވެރިވެފައިވާ ނަމަ، އެ ކެޓެގަރީއެއްގެ ފުރަތަމަ ބުރު ކުރިއަށްގެންދާނީ ގުރޫޕްތަކަށް ބަހާލައިގެން، ރައުންޑް-ރޮބިން އުސޫލުންނެވެ. އެއަށްފަހު ކުރިއަށްދާނީ ނޮކްއައުޓް ބުރުތަކެވެ. އަދި، 4 ނުވަތަ 5 ކުޅުންތެރިން ބައިވެރިވެފައިވާ ކެޓެގަރީތަކުގެ، ފުރަތަމަ ބުރު ކުރިއަށްގެންދާނީ ހުރިހާ ކުޅުންތެރިންގެ މެދުގައި ބޭއްވޭ ރައުންޑް-ރޮބިން ބުރެއްގެ ގޮތުގައެވެ. އެއަށްފަހު އޮންނާނީ ނޮކްއައުޓް ބުރުތަކެވެ.

މުބާރާތުގެ ކެޓެގަރީއެއްގައި އެންމެ 3 ކުޅުންތެރިން ބައިވެރިވެފައިވާނަމަ، އެ ކެޓެގަރީއެއްގެ 3ވަނަ އެއް ނުހޮވާނެއެވެ. ނަމަވެސް 4 ކުޅުންތެރިންނަށްވުރެ ގިނައިން ބައިވެރިވާ ކެޓެގަރީތަކުގެ 3ވަނައަށް ލޯ މެޑަލްގެ އިތުރުން ހަނދާނީ ލިޔުމެއް ދޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
މުބާރާތުގެ ގުރު ނެގުން އޮންނާނީ 17 ޖޫން 2026 ވާ ބުދަ ދުވަހުއެވެ. މުބާރާތް ކުރިއަށްދާނީ 19 އަދި 20 ޖޫން 2026 ގައި މާލޭ ޓީޓީ ހޯލުގައެވެ.