ޚަބަރު

ވޯލްޑް ގަވަރމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔޫއޭއީއަށް


  • ވޯލްޑް ގަވަރމަންޓް ސަމިޓް ކުރިއަށްދާނީ މިމަހުގެ 12 އިން 14އަށް

  • މި ސަމިޓުގައި ރައީސުލްޖުމްހުރިއްޔާ ތަގުރީރުކުރައްވާނެ

ވަރލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ވަރލްޑް ގަވަރމަންޓް ސަމިޓް ކުރިއަށްދާނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައި މިމަހުގެ 12 އިން 14 އަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފެބްރުވަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ..