ޚަބަރު

ކަނޑުފަޅު ރައްކާތެރިކުރުމަށް ޤާނޫނުތައްވެސް ހަރުދަނާކުރަން ރާއްޖެއިން ގޮވާލައިފި


  • ރާއްޖެއިން މިކަމަށް ގޮވާލީ އޮސްޓްރޭލިއާގެ ޕާރތް ސިޓީގައި ކުރިއަށްދާ 7 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި

ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ޤާނޫނީގޮތުން ކުރާ މަސައްކަތްތަކެއް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ އޮސްޓްރޭލިއާގެ ޕާރތް ސިޓީގައި ކުރިއަށްދާ 7 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައެވެ.

7 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤުރީރުކުރައްވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއް ސަމަދު ވަނީ ރާއްޖެފަދަ ޤައުމުތަކަށް ކަނޑުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން މުހިންމުވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ %99 އަކީ ކަނޑުކަމަށްވާއިރު ރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ސިނާޢަތެއްކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް ރާއްޖޭގެ ކަނޑުގެ މުހިންމު ސަރަޙައްދުތައް ޙިމާޔަތްކޮށްފައިވާކަން ޝެރީނާ ފާހަގަކުރެއްވިއެވެ.

ޝެރީނާ ވިދާޅުވީ ކަނޑުތަކުގެ ދުޅަހެޔޮކަމަށް ނުރައްކާވާ ތިމާވެށީގެ އެތައް މައްސަލަތަކެއް މިހާރު ކުރިމަތިވަމުން އަންނަކަމަށެވެ. އަދި މި ނުރައްކާތައް ކުޑަކުރުމަށް ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނުނީ ފެންވަރަރުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.

ޝެރީނާ ވިދާޅުވީ މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ނިޒާމެއް އެކަށައެޅުމުގެ މުހިންމުކަމެއްކަމަށެވެ.

އިންޑިއަން އޯޝަން ކޮންފަރެންސްއަކީ ކަނޑުތަކާއި ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ވަކާލާތުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮންފަރެންސްއެވެ.

ކޮންފަރެންސްގެ ހަވާސާގެތެރެއިން ސްޓޭޓް މިނސްޓަރ ޝެރީނާ ސަމަދް ވަނީ އޮސްޓްރޭލިއާގެ އެސިސްޓަންޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓިމް ވޮޓްސްއާއި ޖަޕާނުގެ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަސް ކޮމުރާ މަސަހިރޯ އަދި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް ލެފްޓިޓެންޓް ކާނަލް މުޙައްމަދު ފާރުކް ޚާނާއި ބައްދަލުކުރައްވާފައެވެ.