ޚަބަރު

އެމްޑީޕީން ނުދައްކާ ހުރި ބިލްތަކަށް 5.6 މިލިއަން ރުފިޔާ އަރާ: މޯލްޑިވިއަން


  • މިއީ ކެމްޕެއިން ދުވަސްވަރު ކޮށްފައިވާ ދަތުރުތަކެއް

  • ކުރިން އެއްބަސްވެފައި ވަނީ 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާގޮތަށް

  • އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް، ބިލްތަކަށް ފައިސާ ލިބިފައި ނުވޭ

  • މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ ޝަރުޢީ މަރުހަލާތައް ފަށާނެ ކަމަށް

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު މޯލްޑިވިއަންގެ ފްލައިޓުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކޮށްފައިވާ ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އައިލެންޑު އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހާމަކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ އެމްޑީޕީގެ ބޭނުންތަކަށް އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓާއި ޗާޓަރ ފްލައިޓުތަކަށް 5،629،861 ރުފިޔާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ބިލްތަކަށް ފައިސާ ނުލިބޭ ކަމަށެވެ. އެ ގޮތުން ފައިސާ ލިބިފައި ނުވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ 10 ދަތުރެއްގެ ފައިސާއެވެ. އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ އެ ފައިސާ މި މަހުގެ 18ވަނަ ދުވަހުގެ 1600ގެ ކުރިން ނުދައިކައިފިނަމަ ނުލިބި ހުރި ފައިސާ ހޯދުމަށް ޝަރުޢީ މަރުހަލާތައް ފަށާނެ ކަމަށް އެމްޑީޕީއަށް އަންގާފައެވެ.