ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭ ވަރުގެ ޤާބިލްކަން ހުރި ކާރުޚާނާއެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފެލިވަރު ކާރުޚާނާގެ އިތުރުން 100 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުޚާނާއެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ މަސްވެރިންގެ ދުވަހު ބޭއްވި ޖަލްސާގައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި މި ސިނާޢަތުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ރާއްޖޭގައި މަހަށް އަގު އެއްކުުރުމުގެ ގާބިލްކަން ނެތުމެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ރޯމަސް ބޭރު ޤައުމުތަކަށް އެކްސްޕޯޓުކޮށް އެޤައުމުގައި އަގު އެއްކުރުމުގެ މަސައްކަތްކުރެވެއެވެ. މިއާއެކު މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބެން ޖެހޭ ބޮޑު އާމްދަނީއެއް ގެއްލެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ވެލިއު އެޑްކޮށްގެން، ނުވަތަ އަގު އެއްކުރި މަހުގެ ބާވަތްތަކަށް ހެދުމުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނެ ފަދަ ޤާބިލްކަން ޤާއިމްކުރުން ކަމަށެވެ.
" ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ، ކޭނިންގ ފެކްޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުން އެބަދޭ، އަދި އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްކުރެވެމުންދަނީ،" މުއްޠަލިބް ވިދާޅުވިއެވެ.
މުއްޠަލިބް ވިދާޅުވީ އަމާޒަކީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން އެކްސްޕޯޓުކުރުމުގެ އަމާޒު ކުރިއަށް އޮތް 4 އަހަރުތެރޭގައި ހާސިލްކުރުން ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ރޭވިފައިވަނީވެސް އެގޮތަށް އެ އަމާޒަށް ވާސިލްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް ފަށާފައިވީ ނަމަވެސް، މި މަޝްރޫޢުތައް ކުރިއަށްދަނީ ވަރަށް މަޑު ދުވެއްޔެއްގައިކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
" ގިނަ ޕްރޮޖެކްޓުތައް ހުރީ އިންޑިއާ ސަރުކާރުގެ ފައިނޭންސްގައި ފަށާފައި، އެހެންކަމުން އެ މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީވެސް އިންޑިއާ ކުންފުނިތަކާއި، މި މަޝްރޫޢުތަކުގެ ޕްރޮގްރެސްވަރަށް ދަށް، ބައެއް މަޝްރޫޢުތަކުގެ ޕްރޮގްރެސް އެބަހުރި %2.5 ގައިވެސް، މި މަޝްރޫޢުތައް އަވަސް ކުރުމަށްވެސް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން،" މުއްޠަލިބް ވިދާޅުވިއެވެ.
މުއްޠަލިބް ވިދާޅުވީ މި ސަރުކާރުން ފަށާ މަޝްރޫޢުތައް ގިނަވެގެން 2 އަހަރުތެރޭގައި ނިންމާ އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ. މަސްވެރިކަމަށް ހުރި ދަތިތައް ހައްލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވާ މުއްޠަލިބް ވިދާޅުވީ މި ސިނާއަތުން ލިބޭ ޖެހޭ ނަފާ މަސްވެރިންނަށް ހޯދައިދިނުމަށް ވުޒާރާއިން މިފްކޯއާއި ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް ސަރުކާރުން ދާދިފަހުން ވަނީ އުފައްދާފައެވެ.