ރަށަށް އާމްދަނީ ހޯދާދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ކިނބިދޫ ސްކޫލުގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކިނބިދޫ އާއި ވޭމަންޑޫ އެއްފަސްކުރުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އާސަންދަ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ތަފުޞީލީ ގޮތެއްގައި ކައުންސިލުން ހިއްސާކުރެއްވިއެވެ. ހަމައެއާއެކު ރަށުގެ ކުރިއެރުމަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކިނބިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިޖުތިމާޢީގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކިނބިދޫގެ ޒުވާނުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި ކުޅިވަރު ކުޅެވޭނެ ރަނގަޅު ވަސީލަތްތައް ޤާއިމުވެފައި ނެތުންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަމާއި، ރަށުގެ އަންހެން ކަނބަލުން އުފައްދާ ތަކެތި މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ރަށަށް އާމްދަނީ ހޯދާދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވިދާޅުވެދެއްވައި، އަންހެނުން އުފައްދާތަކެތި ގަނެ ވިއްކައި ކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފުޅާ ފުރުޞަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.