ކޯވިޑް-19އަށް ފަހު ރާއްޖެއަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައީ ފެބްރުއަރީ ތިންވަނަ ދުވަހު ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ ތިންވަނަ ދުވަހު ޖުމްލަ 8،900 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހެވެ.
މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހުގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ 23 ޑިސެމްބަރު 2023 ގައެވެ. އެ ދުވަހު 8،054 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މިހާތަނަށް އެއް ދުވަސްތެރޭ އެންމެގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑްކުރެވިފައިވަނީ 2019 ގައެވެ. އެގޮތުން، އެއަހަރު އެއް ދުވަސް ތެރޭގައި 9000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ވުޒާރާގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.7 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 208،162 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެޢަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.