ޚަބަރު

ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް


  • އެއަރޕޯޓުތަކާއެކު ކަނެކްޓިވިޓީ އިތުރުވާނެ

  • ރަށާއި ކައިރީ ރިސޯޓުތަކުން އާމްދަނީ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ

ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.އަތޮޅުގައި ރިސޯޓު މަދުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާ ކުރައްވައި ސަރުކާރުން އެކަން ހައްލު ކުރުމަށް ކުރަމުން އަންނަ ކަންކަމާ ގުޅޭގޮތުން ތ. ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މިހާރު ތ.އަތޮޅުގައި އެއް ރިސޯޓު އޮތްނަމަވެސް މިދައުރު ތެރޭގައި އެއަތޮޅަށް ރިސޯޓް އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތ. އަތޮޅުގައި އިތުރު 2 އެއަރޕޯޓް ތަރައްގީ ކުރައްވާނެ ކަމަށާއި އޭގެ ސަބަބުން ކަނެކްޓިވިޓީ އިތުރުވާނެ ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ވީހާވެސް އަވަހަށް ތަރައްގީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.

ރައީސް ވަނީ ރަށުގައި ތިބެގެން ރަށާއި ކައިރި ރިސޯޓުތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ޒުވާނުންނަށް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

"ވަރަށް ޔަގީން، މިއަހަރު ވެސް ފެށޭވަރުވާނެ، އަދި މި ފަސް އަހަރު ތެރެއަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް، އެކި ދާއިރާތަކަށް ކަވަރުވާގޮތަށް ގެނެސްދޭނަން. އެހެންވީމަ ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ ވަޒީފާ ހޯދޭނެ ފުރުސަތު ހޯދައިދޭނަން. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ތ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް މިބަދަލު ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ބަދަލުތަކާއެކު އިންވެސްޓަރުން އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.