ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުން މާލީގޮތުން ދިމާވާ ދަތިތައް ހައްލުވާނެ: ވަޒީރު


  • އަހަރުގެ ކުރީކޮޅު ދިރާސީ އަހަރު ފެށުމުން ދަތިތައް ހައްލުވެ، ގިނަ ފައިސާތަކެއް ކުރާކަން ފާހަގަކުރެއްވި

ކުރިއެކޭވެސް އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުން މާލީގޮތުން ދިމާވާ ދަތިތައް ހައްލުވެ، ތައުލީމީ ނިޒާމުގެ ހިންގުން ފުރިހަމަވެގެންދާނޭކަމަށް ތައުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝާފީޢު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން މީލާދީ އަހަރުގެ މެދުތެރެއިން ފަށާގޮތަށް ހަމަޖައްސާފައި އޮތްނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދިރާސީ އަހަރުގެ ކިޔެވުން ކުރިއެކޭވެސް އެއްގޮތަށް އަހަރުގެ ކުރީކޮޅަށް ބަދަލުކުރެއްވުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހު ފަށާނީ 2026 ވަނަ އަހަރުން ފެށިގެނެވެ،

ތ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވަފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތައުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝާފީޢު ވަނީ އަހަރުގެ މެދުތެރެެއިން ދިރާސީ އަހަރު ފަށާތީ ކުރިމަތިވާ ދަތިތަކާއި ދިރާސީ އަހަރު ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުން ލިބޭނެ ފައިދާތަކާއި ކުރިއެރުމުގެ މައްޗަށް ބައްލަވާލައްވާފައެވެ؛

ވަޒީރު ވިދާޅުވީ އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފެށުމުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ހަދާ ކުދިން ގްރެޖުއޭޓް ވަނީ އެހެން ޤައުމުތަކުގައި އިމްތިހާނު ހަދާ ދަރިވަރުންނަށްވުރެ 6 މަސް ފަހުންކަން ފާހަގަކުރައްވާފައެވެ. އަދި މާލީ އަހަރު ފަށާ ފަހުން، އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށަން ޖެހުމުން މާލީގޮތުންވެސް ދަތިތަކެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ދަރިވަރުން މި ގްރެޖިއޭޓް ވަނީ އެހެން ޤައުމުތަކުގެ ކުދިންނަށްވުރެ 6 މަސް ފަހުން. ކުރިން އޮތްގޮތަށް ޖެނުއަރީއަށް ބަދަލުވުމުން ހިންގުން ހަރުދަނާވެ، ރާއްޖޭގެ މާލީ އަހަރާއެކު ދިރަސީ އަހަރު ފެށި، މާލީ ގޮންޖެހުންވެސް ޙައްލުވާނެ."ވަޒީރު ވިދާޅުވިއެވެ.

ތައުލީމާބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި ޤުރުޢާނާއި އިސްލާމް މާއްދާ ކިޔަވައިދިނުމުގެ މަސައްކަތްވެސް އަލުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާއި އެއްގޮތަށް އަންނަ ހަފްތާގެ ތެރޭގައި ކްލާސްތައް ފަށާނެކަމަށެވެ.

"ކުރިންވެސް ކުރި ކަމެއް އެކަމަކު މިދިޔަ ސަރުކާރުގައި އޮތީ އަޅާނުލާ ދޫކޮށްލާފައި. ލަންކާ، މެލޭޝިއާގައި އަންނަ ހަފްތާގެ ތެރޭގައި ކިޔަވައިދޭން ފަށާނަން." ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝާފީޢު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަންނަ ދިރާސީ އަހަރު ރަސްމީ މަންޙާޖުގެ ތެރެއިން ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޤައުމިއްޔަތު މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުގެ މަސައްކަތުގެ ދަށުން 11 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާކަމަށް ތައުލީމާބެހޭ ވަޒީރު ވިދާޅުވިއެވެ.