ސިއްހަތު

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ދިވެހި ޑޮކްޓަރުންގެ ދައުރު


ރާއްޖޭގެ ޞިއްޙީ ދާއިރާގައި ދިވެހި ޑޮކްޓަރުންގެ ޙިއްސާ އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބިދޭސީ ޑޮކްޓަރުންނަށް ބަރޯސާވުމުގެ ބަދަލުގައި، ދިވެހި ޑޮކްޓަރުންނަށް އެ މަޤާމްތައް ލިބިގެންދިއުމަކީ ސިއްޙީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، މި ދާއިރާ އިތުރަށް ތަރައްޤީވެގެންދާނެ ކަމެކެވެ. މިއަދަކީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ.

މީގެ ވިއްސަކަށް އަހަރު ކުރިއަށް ޖެހިލާއިރުވެސް ރާއްޖޭގެ ސިއްޙީ ދާއިރާގައި ޚިދުމަތްކުރި ގިނަ ޑޮކްޓަރުންނަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. ޢާންމު ބަލިތަކުގެ ދިވެހި ޑޮކްޓަރުން ތިބީ މަދު މިންވަރަކަށެވެ. އަދި ޚާއްސަ ބަލިތަކުގެ ދިވެހި ޑޮކްޓަރުން ތިބީ އިނގިލިން ގުނާލެވޭފަދަ މަދު މިންވަރަކަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، މަންޒަރު ވަނީ ބަދަލުވެފައެވެ. ބޭރުގެ އެކި ޤައުމުތަކުން ބޭސްވެރިކަމާއި ގުޅޭ އެކި ކަންތައްތައް އުނގެނި، ދިވެހިންނަށް ޚިދުމަތް ކުރާ ދިވެހި ޑޮކްޓަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖޭގައި ސިއްޚީ ޚިދުމަތްދޭ އެކި ތަންތަނުގައި މިހާރުވެސް 153 ދިވެހި ޑޮކްޓަރުން ހަރަކާތްތެރިވަމުންދެއެވެ. މީގެ ތެރޭގައި ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ މަޝްހޫރު ޑޮކްޓަރުންވެސް ހިމެނެއެވެ. އެހެންކަމުން ރާއްޖޭގެ އާބަދީގެ ނިސްބަތުން ކޮންމެ 2200 މީހަކަށް ދިވެހި ޑޮކްޓަރަކު އެބަހުއްޓެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޖުމްލަ 111 ދިވެހި ޑޮކްޓަރުން ޚިދުމަތްދެމުން ގެންދެއެވެ. މީގެތެރެއިން 72 ޑޮކްޓަރުންނަކީ، އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނެވެ. އަދި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް، 39 ދިވެހި ޑޮކްޓަރުން އައިޖީއެމްއެޗްގައި އެބަތިއްބެވެ. ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން އިތުރުވި ނަމަވެސް، މި ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ޚާއްސަ ބަލިތަކުގެ ދިވެހި ޑޮކްޓަރުން މަދުވުމެވެ. އެގޮތުން ނާރުގެ ބަލިތަކާއި، ކިޑްނީ އަދި ކަރުންމަތީގެ ޚާއްސަ ޑޮކްޓަރުން މަދުކަން ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިއާއެކު މިފަދަ ދާއިރާތަކުން ދިވެހި ޑޮކްޓަރުން ތަމްރީން ކުރެއްވުމަށް ސަރުކާރުން ދަނީ ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯއްދަވައިދެއްވަމުންނެވެ. މިދިޔަ ހަފްތާގައިވެސް ވަނީ 9 ދާއިރާއަކުން ޚާއްސަވުމަށް ނޭޕާލް ޔުނިވަސިޓީން ދީފައިވާ ސްކްލަރޝިޕްތައް ދިވެހި ޑޮކްޓަރުންނަށް ދެއްވާފައެވެ. މިއަހަރުގެ ތެރޭގައިވެސް އިތުރު 10 ފުރުސަތު ހުޅުއްވާލުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ސްކޮލަރޝިޕްތަކުގެ އިތުރުން، އަމިއްލަ ޚަރަދުގައިވެސް އެތައް ދިވެހީންނެއް ދަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. ދިވެހިންނަށް ފަރުވާ ކުރުމުގައި ދިވެހި އަތްތަކެއް ފެނިގެން ދިއުމަކީ، ސިއްޙީ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމެވެ. ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީވެސް ދިވެހި ޑޮކްޓަރުން ކޮށްދެއްވާ ޤައުމީ ޚިދުމަތުގެ އަގުވަޒަން ކުރުމެވެ. ރައްޔިތުންނާއި ގުޅިގެން ކުރިއަށް ދިއުމަށް ދިވެހި ޑޮކްޓަރުން ގުޅިގެން މިހާރު ވަނީ ޑޮކްޓަރސް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއްވެސް އުފައްދާފައެވެ.