ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރު ޢަބްދުﷲ ޒިޔާދެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައި މަސައްކަތުގެ ކުރެހުމާ އެއްގޮތަށް ހުރިހާ މަސައްކަތެއް ނިންމަން ޖެހެއެވެ. މި މަސައްކަތުގެ އަގަކީ ތިން މިލިޔަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ފައްސަތޭކަ ސާޅީސް ރުފިޔާ ވިހި ލާރިއެވެ.
މި އެއްބަސްވުމުގެ ތެރެއިން ފުނަދޫ ފުޓްބޯޅަ ދަނޑަށް 2400 ކިއުބިކް މީޓަރުގެ ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަބްބޭސް މަސައްކަތް ނިމޭއިރު ފެން ހިންދުމަށްޓަކައި ދަނޑު ވަށައިގެން ކާނު ވަޅުލެވިފައި ހުންނާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ފުނަދޫ ދެކުނުކޮޅުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެއެވެ.