އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބޮޑު ތަފާތަކުން ކުލަބު ޕީކޭ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ނިއު ރޭޑިއަންޓުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ބީދޭސީ ތިން ކުޅުންތެރިން ކަމަށްވާ އަބޫ ސަނޫނޫ އާއި، ކޯފީ އެވަސޫ އަދި އުމަރްޖަނޯފް އަޚްރޯރް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.
މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީޫ އިސްމާޢީލް ވިފާގެއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ނިއު ރޭޑިއަންޓުގެ ލީޑު ފުޅާކޮށްދިނީ އުމަރްޖަނޯފެވެ. މި މެޗުގެ 16 ވަނަ މިނެޓުގައި ކޯފީ ނިއު ރޭޑިއަންޓުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 25 ވަނަ މިނިޓުގައެވެ. މި މެޗުގެ 35 ވަނަ މިނެޓުގައި އުމަރްޖަނޯފް ނިއު ރޭޑިއަންޓުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ އަބޫއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓުގައި ނިއު ރޭޑިއަންޓުގެ ހަތްވަނަ ލަނޑު އަބޫ ޖަހައިދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އާދަމް ޝިޔާން މުޙައްމަދެވެ. އޭގެ ފަހުން މި މެޗުގެ އިތުރު ވަގުތުރޭގައި ދެ ޓީމުގެ ބެންޗުން ހޫނުވެ ބަހުގެ ހަމާލާތަކެއް ބަދަލުކުރުމުގެ ތެރޭގައި ނިއު ރޭޑިއަންޓުގެ ބެންޗާ ދިމާލަށް ޕީކޭގެ އަބްދުލް ރަހްމާން ޝައްފާފް ޝާހު ފެންފުޅިއެއް ހުރާލުމުން، ރެފުރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ނިއު ރޭޑިއަންޓް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ވާދަކުރަންޖެހޭނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ވާދަކުރާ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.