ޚަބަރު

ވިޝާމްގެ ހަނދާނުގައި ހުޅުވި ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވައިފި


  • ދަފްތަރު ބާއްވާފައިވަނީ ޑީޖޭއޭގެ ގްރައުންޑް ފްލޯގައި

  • ޤާނޫނީ ދާއިރާއަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި

  • ބާ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވި

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛް އިސްމާއީލް ވިޝާމްގެ ހަނދާނުގައި އެ ކައުންސިލުން ހުޅުވި ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު މިއަދު ސޮއިކުރައްވައިފިއެވެ.

މި ދަފުތަރުގައި ސޮއި ކުރައްވައި ނައިބު ރައީސް ވިދާޅުވީ ވިޝާމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއަށްގެންދިއުމުގައި އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރައްވައި، ޤާނޫނީ ފަންނުވެރިންގެ ލޯތްބާއި އިހުތިރާމް ހޯއްދާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ވިޝާމްގެ ކުއްލި ވަކިވެވަޑައިގަތުމަކީ ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށާއި ޤައުމަށް ވެސް ލިބުނު ފަނޑުކަމެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން މިމަހުގެ 8ވާ ބުރާސްފަތި ދުވަހާ ހަމައަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގްރައުންޑް ފްލޯގައި ކުރިއަށްދާނެއެވެ. ސޮއިކުރުން އޮންނާނީ ހެނދުނު 9:00 އިން މެންދުރު 2:00 އާ ހަމައަށް ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ. އަދި މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބާ ކައުންސިލްގެ އޮފީހުގައިވެސް ތައުޒިޔާ ދަފްތަރު އޮންނާނެ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

އިސްމާޢީލް ވިޝާމް އަވާހަރަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ވިޝާމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޝަރުއީ ދާއިރާ އަދި ޤާނޫނީ ދާއިރާގެ އިސް ބޭފުޅުންވެސް ވަނީ ވިޝާމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ވިޝާމް އަވަހާރަވުމަކީ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށާއި ގެއްލިގެން ދިޔައީ ޚިދުމަތްތެރި ޒުވާން، ތަޢުލީމީ ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.