ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 4000 މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މިއީ މަޖިލިސް އިންތިޚާބަށް ބޭނުންވާ އޮފިޝަލުންގެ އަދަދަށްވުރެ ދަށް އަދަދެއް ކަމަށެވެ. މިއިންތިޚާބުގައި 5،600 އޮފިޝަލުން ބޭނުންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހަބީބު އިލްތިމާސްކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރަ ވެސް ބޮޑުކޮށްފައެވެ. އެކޮމިޝަނުން ވިދާޅުވީ އުޖޫރަ ބޮޑުކޮށް، އެކަމަށް ބޭނުންވާ އިތުރު ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ.
މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ އޮފިޝަލުންނަށް އުޖޫރައިގެ އިތުރުން ރަމަޟާން މަހުގެ އެލަވެންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ރަމަޟާންމަހުގެ އެލަވެންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން ކެއުމާއި ސައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި ނުދޭނަމަ ކޮންމެ އޮފިޝަލަކަށް ރޯދަވީއްލުމުގެ ގޮތުގައި 250 ރުފިޔާއާއި ތަރާވީހުގެ ގޮތުގައި 100 ރުފިޔާ ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
މަޖިލިސް އިންތިޚާބުގައި އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗު 5 ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށެވެ. މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް އިލެކްޝަންސް ކޮމިޝަނުން ފެށުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗު މަހުގެ 17ގައެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.