އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފަޑް ބަލިކޮށް ތާވަލުގެ ދެވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީވެސް އެ ޓީމުންނެވެ.
ބްރެންޓްފަޑްގެ ނެދަލޭންޑްސް ކީޕަރު މާކް ފްލެކެންގެ މޮޅު ސޭވްތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ބްރެންޓްފަޑް އެވެ. ކީޕަރު ފްލެކެން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ނީލް މައުޕޭ އެވެ.
ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން މެންޗެސްޓާ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމު އެއްވަރެއްގައި އޮވެގެންނެވެ.
ދެވަަނަ ހާފުގެ 53 ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޮޑެން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ފަހު ހާފުގެ 70 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޮޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ ކުޅުނު 22 މެޗުން ސިޓީއަށް 49 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އާސެނަލް އަށް ވެސް 23 މެޗު ކުޅެގެން 49 ޕޮއިންޓް ލިބިފައިވާއިރު، މެޗުން ބަލިވި ބްރެންޓްފަޑް އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.