ޚަބަރު

ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރު: ވޯލްޑް ބެންކު


  • ރައީސުލްޖުމްހޫރިއްޔާ އަރިހަށް ވޯލްޑް ބެންކުގެ އިސް ވަފްދެއް ޒިޔާރަތްކުރެެއްވި

  • އިޤްތިޞާދު ކުރިއެެރުވުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ކުރިމަގުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި

ރާއްޖޭގެ އިޤްތިޞާދާގުޅޭ ކަންކަމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ވޯލްޑް ބެންކުން ހާމަކުރައްވައިފިއެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިން ރެއިސަރ، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ރާވާފައިވާ ކުރުމުއްދަތުގެ އަދި ދިގުމުއްދަތުގެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ރިޔާސީ ބަޔާން އިއްވަވަމުންވެސް ފާހަގަކުރެއްވި، ޕަބްލިކް ސެކްޓަރ އިސްލާޙްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ވައިސް ޕްރެޒިޑެންޓް ރެއިސަރ ވަނީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން މެނޭޖްކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމަށް ހުށަހަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ދެ ބޭފުޅުން ނިންމަވާލައްވާފައިވަނީ ކުރިމަގުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.