ޚަބަރު

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ.އަތޮޅަށް


  • ތ.އަތޮޅުގެ 9 ރަށަކަށް ވަޑައިގަންނަވާނެ

  • ފުރަތަަމަ ވަޑައިގަންނަވާނީ ތ.އަތޮޅަށް

  • ގުރައިދޫއަކީ އެންމެ ބޮޑު އަޤްލަބިއްޔަތު ލިބުނު ރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މާދަމާ ތ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާ މި ދަތުރުފުޅުގައި ތ.އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެގޮތުން މި ދަތުރުފުޅުގައި ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.

މާދަމާއިން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ތ،އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫއަށެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ.އަތޮޅު ގުރައިދޫއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ ރަށަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބިވަޑައިގެންނެވި ރަށަށް ވާތީއެވެ. އެގޮތުން ގުރައިދޫއިން އެމަނިކުފާނަށް 625 ވޯޓާއެކު %74.05 ލިބިވަޑައިގެންފައިވެއެވެ.

އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.