ޚަބަރު

ކައުންސިލްތަކަށް ޚާއްސަކޮށް ވުޒާރާއެއް ހެދުމުގެ ހެޔޮ ބަދަލު އަންނަނީ ފެންނަމުން: ރައީސް


  • މިސަރުކާރު ހިނގާނީ ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށް، އެއްބާރުލުންދީގެން

  • ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެކުރިން ފާސްކުރާނަން

  • ޚިދުމަތް ރަނގަޅަށް ދިނުމަށް ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅުއްވާނެ

ކައުންސިލްތަކަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ ފުލްޓައިމް ވަޒީރަކު ހުންނަވާގޮތަށް ސަރުކާރު ހިންގުމަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށް މިސަރުކާރުން ގެންގުޅުއްވާނެ މުހިންމު ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކާ އިދާރީ ހިންގުން ތަރުތީބުކޮށް ޒަމާނީކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުންކަމަށެވެ. އަދި މިސަރުކާރު ހިންގަން ބޭނުންވަނީ، ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށްގެން، އެއްބާރުލުންދީގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސްވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން ސަރުކާރު ހިންގަން ބޭނުންވަނީ، ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށްގެން، އެއްބާރުލުންދީގެން. މިގޮތުން ކައުންސިލްތަކަކީ ފުދުންތެރި، އަދި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭފަދަ މާލީ ޤާބިލުކަން ހުރި ތަންތަނަށް ހެދުމަށްޓަކައި، ކައުންސިލްތަކުގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފަޅުރަށްތައް ނުވަތަ އިޚްތިޞާޞުން ބޭރުންނަމަވެސް، ފަޅުރަށްތައް ހަމަޖެއްސޭނެ ގޮތަށް މިހާރުވާނީ ހެދިފައި. އަދި ހަމައެއާއިއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ހަވާލުކުރުމުގެ ނިޒާމް ހަރުދަނާކުރުމަށް ވާނީ ނިންމާފައި" ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ނުފެށި ލަސްވާން ދިމާވާ މައިގަނޑު އެއްމަސައްލައަކީ ލޭންޑް ޔޫސް ޕްލޭންތައް ފާސްނުވެ އޮތުން ކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ޚާއްސަ އެހީތެރިކަމެއް ދެއްވައިގެން، ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެ ކުރިން ނިންމަވާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގައި ދިނުމުގައި، ހަމައެކަނި ބުނާ ބަހެއްގެ ގޮތުގައި އެކަން ނުބާއްވާ، ޢަމަލީގޮތުން ކަންކޮށްދޭ ސަރުކާރަކަށް މި ސަރުކާރު ވާނެ. ޚިދުމަތް ލިބިގަންނަން އަންނަ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސަރުކާރުގެ މުޅި ނިޒާމު ރާވާލަން ޖެހޭ" ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތައް ހިންގާނެ އޮފީސް ޖާގަ މަދުވުމުން ޚިދުމަތް ރަނގަޅަށް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލު ހޯދުމަށްޓަކައި، ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާނެ އެކަށީގެންވާ އިމާރާތެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ވިދާޅުވިއެވެ އަދި ރަށްރަށާއި ސިޓީތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައިވެސް އެއްފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމަކީ ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާނެ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.