ޚަބަރު

އަމިއްލަ ހިޔާވަހިކަމުގެ ހައްޤުން މަޙްރޫމުވެފައި ހުރި ދިވެއްސަކު ނުހުންނާނެކަން ޔަޤީންކުރާނަން: ރައީސް


  • ރައްޔިތުންނާއި ގުޅިފައިވާ، އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން

  • 5 އަހަރުތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނެ

  • ޤާނޫނީ ބާރުވެރިކަން ލިިބިފައިވާ ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ އެކުލަވާލާނެ

ހިނގަމުންދާ ރިޔާސީ ދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަޤީންކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާއި ގުޅިފައިވާ، އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަންކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޯތިގެދޮރާއި އަމިއްލަ ހިޔާވަހިކަމަކީ އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އިންސާނީ އަދި އަސާސީ ޙައްޤެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ގުޅޭ ކަންކަމަށްފަހު، އެމަނިކުފާނު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ޙައްލުކޮށްދެއްވުމަށްކަމަށާއި ސަރުކާރުގެ އަމާޒަކީ، 5 އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައިހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަޤީންކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިިކަމުގެ މައްސަލަ ހައްލުކުރަން މީގެކުރިން ފަށާފައިވާ މަޝްރޫޢުތައް ހުއްޓާނުލައްވާނެކަމަށާއި، އޭގެ ބަދަލުގައި އެ މަޝްރުޢޫތައް އިތުރަށް ތަރައްޤީކުރައްވާނެކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ ރަސްމާލެ މަޝްރޫޢަަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މާލެ ސަރަޙައްދުގައި ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކަން ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް އަޅުގަނޑުމެން ހިއްކާނަން. މާލެ ސަރަޙައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދެވޭނީ، އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއްގެ މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫޢާއެކު. ރަސްމާލެ ތަރައްޤީ ވެގެންދާނީ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ "ސޭފް އައިލެންޑް ސްޓޭންޑަރޑް"އަށް. އަދި "ނެޓް ޒީރޯ ކާބަން އިކޯ ސިޓީ"އެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައްވެސް މި އަހަރު ފެށިގެންދާނެކަމަށެވެ. މީގެއިތުރުން ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިންގ ޔުނިޓްތަކުގެ ކުޑަކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ %5 އަށްވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި، ގެދޮރު އެޅުމަށާއި، ގެދޮރު މަރާމާތު ކުރުމަށާއި، ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ. އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާ ޙާލަތު އަބަދުވެސް އަދާހަމަވަމުންދާ ޚާއްޞަ ޕޯޓަލްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމު އާބާދުކޮށް، ރަށްވެހި ތަރައްޤީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި 20 އަހަރުދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް މިއަހަރު އެކުލަވާލެވޭނެކަމަށެވެ. އަދި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ހޯދައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.