ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިނުވާން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
އިއްވަވާ ރިޔާސީ ބަޔާނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ ޤާނޫނީ ޒިންމާއެކެވެ. މާދަމާ އިއްވަވާ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
ޑިމޮކްޜެޓްސްއިން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ މަޖިލީހުން ރުހުން ނުދިނުމަށް ނިންމާފައިވާ ވަޒީރުންތަކެއް ޖަލްސާގައި ބައިވެރިވާތީކަމަށެވެ. އަދި ޤާނޫނާއި ހިލާލު އަމަލެއްގެ އިތުރުން، މަޖިލީހުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ދެކޭކަމަށް ޑިމޮކްޜެޓްސްއިން ބުނެއެވެ.
އެމްޑީޕީން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެންކަމަށެވެ. މީގެއިތުރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށްވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ބަޔާނެކެވެ.