ތަރިކައާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ މިފަހުމުނާމާގެ ދަށުން އެވުޒާރާއިން ކުރިއަށްގެންދާ ތަރިކައާއި ގުޅުންހުރި މަސައްކަތްތަކަށް ސްޓެލްކޯގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. މިގޮތުން އަންނަ ހަފްތާގައި ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ތަރިކައާބެހޭ ވުޒާރާގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
މިހާރުވެސް މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ސްޓެލްކޯއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާ ފުޅާކުރެވިގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި ކަޅުއޮށްފުންމި މަރާމާތު ކުރުމަށް ތަރިކައާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތުގައިވެސް ސްޓެލްކޯއިން ބޮޑު އެއްބާރުލުމެއް ދެއްވަމުންގެންދަވާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.