ޚަބަރު

އެމްޑީޕީ ތަމްސީލްކުރައްވަމުންދާ ބައެއް މަޖިލިސް މެންބަރުންނަށް ޓިކެޓް ކަށަވަރުވެއްޖެ


  • 40 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށްދިޔަ

  • މިހާރުވެސް އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރުންތަކަށްވަނީ ޓިކެޓް ކަށަވަރުވެފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރުންތަކެއް ވަނީ ޓިކެޓް ކަށަވަރުކުރައްވާފައެވެ.

އެމްޑީޕީން މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރާއިރު ޕްރައިމަރީ ބޭއްވީ 40 ދާއިރާއެއްގެއެވެ. ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުންނަށް ބަލާލާއިރު މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސެއިން އާއި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނިވަޑައިގަންނަވައެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ނިމުނު ރިޔާސީ އިންތިޚާބުގައި އުމަރު ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި އަހުމަދު ސަލީމް (މާޒް ސަލީމް) ވެސް ވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މޫސާ އަލި މަނިކު ވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާއިރު ކުރީގެ ޔޫތު މިނިސްޓަރ މަހުލޫފުގެ އަބިކަނބަލުން ނަޒްރާ ނަސީމަށްވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވެފައެވެ.

އެ ޕާޓީން ވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މިޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރިއެވެ. މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނެވެ.