ޚަބަރު

ކެންސަރު ހޮސްޕިޓަލް؛ ދިރާސާ ނިމި ބިން ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުން


  • ގައިންގަޔަށް ނަރާ ބަލީގައި މަރުވާ މީހުންގެ %17އަކީ ކެންސަރުގައި މަރުވާ މީހުން

  • ހުޅުމާލެ ހޮސްޕިޓަލްގައި 1386 ޕޭޝަންޓުން ރަޖިސްޓްރީކޮށްފައިވޭ

  • ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ، މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ.އަތޮޅުގައި

ބައިނަލްއަޤްވާމީ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ. ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރުގެ އެކި ބާވަތްތަކަށް އަހަރަކު ދެ މިލިއަނާއި ގާތްކުރާ އަދަދެއްގެ މީހުން ޑައިގްނޯސްވެއެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު 6 ލައްކައަށްވުރެ އިތުރެވެ.

ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84އަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނަށްވާއިރު، މީގެތެރެއިން %17އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތް ދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ކީމޯގެ ޚިދުމަތާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރު ބަލީގެ ފަރުވާ ފެށީ 10 ޕޭޝަންޓުންނާއެކުއެވެ. 5 އަހަރު ތެރޭ މިޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް، ސީނިއަރ ރެޖިސްޓަރޑް ނަރސް ފާތިމަތު އިޙުސާނާ ވިދާޅުވީ، 2017ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ހޮސްޕިޓަލްގައި ޚިދުމަތް ފެށި ފަހުން މިހާތަނަށް 1386 ޕޭޝަންޓުން، ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. މިވަގުތުވެސް ކެންސަރަށް ގަވާއިދުން ފަރުވާ ހޯދާ 70 ޕޭޝަންޓުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކެންސަރުބައްޔާއި ގުޅޭ ފަރުވާ އެންމެ އެކަށީގެންވާ ގޮތުގައި ޤާއިމުވެފައި ނެތްއިރު، ކީމޯއާއި ރާއްޖެއިން ލިބެން ހުރި ފަރުވާ ހޯދަން މާލެއަށް އަންނަންޖެހުން ވެފައިވަނީ ބަލިމީހުންނަށް ތަކުލީފު ބޮޑު ކަމަކަށެވެ. ސަރުކާރާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން މިހާރު ވަނީ، ކީމޯ ތެރަޕީ ދިނުމުގެ ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކޮށްފައެވެ.

"ކޯވިޑާއި ގުޅިގެން އަތޮޅުތަކަށް ޚިދުމަތް ފުޅާކުރީ. މިހާރު އައްޑޫ، ޅ.އަތޮޅު ހޮސްޕިޓަލް، ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ކީމޯގެ ޚިދުމަތް ދެމުން." ހުޅުމާލެ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް، ސީނިއަރ ރެޖިސްޓަރޑް ނަރސް ފާތިމަތު އިޙުސާނާ ވިދާޅުވިއެވެ.

ކެންސަރު ބަލީގައި ހުޅުމާލެ ހޮސްޕިޓަލްގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ، މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ.އަތޮޅުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭންދަނީ ރާއްޖޭގެ ކެންސަރު ބަލީގެ ޙާލަތު ދެނެގަތުމަށް "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެޗްޕީއޭގެ އެސިސްޓަންޓް ޕަބްލިކް ހެލްތު އޮފިސަރ، އާއިޝަތު ލުބާނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އެންމެ ގިނަކަމަށް ދައްކަނީ އުރަމަތީގެ ކެންސަރާއި، ފުއްޕާމޭ، ލޭ، ތައިރޮއިޑް އަދި އަނގަޔަށް ޖޭހޭ ކެންސަރުފަދަ ބާވަތްތައްކަމަށެވެ.

"ކެންސަރ ޕޭޝަންޓް ރަޖިސްޓްރީގެ ބޭނުމަކީ ރާއްޖޭގައި ބަލި އިތުރުވާ ގޮތް ދިރާސާކޮށް ޙާލަތު ދެނެގަތުން. އޭރުން ބަލީގެ މައިގަނޑު ސަބަބުތައް ދެނެގަނެވި، ޕްރިވެންޝަނަށް މަސައްކަތްކުރަންވީ އޭރިއާތަކަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރެވޭނީ." އެޗްޕީއޭގެ އެސިސްޓަންޓް ޕަބްލިކް ހެލްތު އޮފިސަރ، އާއިޝަތު ލުބާނާ ވިދާޅުވިއެވެ.

ކެންސަރު ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ. އެކަމަށް ރައްޔިތުންނާއި ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު، މިއީ ބަލިމީހާއަށް ބޮޑު ތަކުލީފެއްވެސް ލިބޭ ކަމެކެވެ.

ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މި ތަކުލީފުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމެވެ. އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އަދި އެކަމަށް ބޭނުންވާ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

މި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު ޕީއެސްއެމްއާ ޙިއްސާކުރައްވަމުން ސިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ހެލްތު ސަރވިސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވީ، މިހޮސްޕިޓަލްގައި ބަލިމީހާއާ ގުޅުންހުރި ހުރިހާ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށެވެ. އެގޮތުން ޑޮކްޓަރުންގެ ޚިދުމަތާއި، ކީމޯއާއި އެމީހުން ހަދަންޖެހޭ އެކި ކަހަލަ ޓެސްޓުހެދުމާއި ތެރަޕީތައް ނެގުމުގެ ޚިދުމަތް ޤާއިމުކުރައްވާނެކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލަށް ދައްކަން އަންނަ މީހުންގެ އެހީތެރިންނަށް ޚާއްސަ އެކޮމަޑޭޝަނެއްވެސް ހަދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މާލެ ސަރަޙައްދުން ހޮސްޕިޓަލް އަޅާނެ ބިމެއް އެލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށްދަނީ. އޭގެ ފަހުގައި ކުރެހުމާއި ޕްރޮޕޯސަލް ތައްޔާރުކުރާނީ. ޚިދުމަތާއި އިކުއިޕްމަންޓްގެ ދިރާސާ ވަނީ ކުރެވިފައި. ފައިނަލް ޕްރޮޕޯސަލްތައް ދަނީ ތައްޔާރުކުރަމުން. މާ ގިނަ ދުވަސްތަކެއް ނުވެ ޢަމަލީ މަސައްކަތްވެސް ފެށޭނެ." ސިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ހެލްތު ސަރވިސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މިމަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ. ހޮސްޕިޓަލް ނިމިގެންދާއިރު ރާއްޖޭގައި ކެންސަރު ބަލީގެ ވަށާ ޖެހޭ ޚިދުމަތެއް ޤާއިމުކުރާނެއެވެ. އަދި މީގެދަށުން، ކެންސަރު ބަލި ރާއްޖޭގައި މަދުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ.