ކުޅިވަރު

ފަސޭހަކަމާއެކު ލޮރެންޒޯ ބަލިކޮށް ލެގޫންސް ކުއާޓާއަށް


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގައެއް ލެގޫންސް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ލެގޫންސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ލެގޫންސްއިން ޑޮމިނޭޓުކޮށްގެން ކުޅުނު މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ލެގޫންސްއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އިމްރާނެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި އިމްރާން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 35 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިމްރާނަށް ވަނީ އިތުރު ލަނޑެއް ޖަހަން ދެތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މި ހާފުގައި އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކުރީ ލޮރެންޒޯއިންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ނަސޫހް ސައީދް ކާމިޔާބުކުރި ލަނޑުން ލޮރެންޒޯއިން ސުން ކަނޑުވާލިއިރި، މިއީ މި މެޗުގައި އެ ޓީމުން ލެގޫންސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ.

މި މެޗުގައި ލެގޫންސްއިން ހަތަރުވަނަ ލަނޑެއް ޖެހީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިފްޝާނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަދަލަކަށް ކުޅެން އެރި އަޙްމަދު ރިޒްވާން އިސްމާޢީލް ވަނީ ލެގޫންސްގެ ފަހު ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ލެގޫންސްއިން ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ލިބުނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓް ހޯދި ވިކްޓަރީ ސްޕޯޓްސް ކުލަބަށެވެ. ލެގޫންސްއަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނައަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން މި ގްރޫޕްގެ ތިންވަނަ ހޯދި ކްލަބް ޕީކޭވެސް ވަނީ ކުއާޓާއިން ފުރުސަތު ހޯދާފައެވެ. އެގޮތުން ޕީކޭއިން ވަނީ ހަަތަރު މެޗުން ހަ ޕޮއިންޓް ހޯދާފައެވެ.

މި މުބާރާތުގެ ކުއާޓަ ފައިނަލުގެ މެޗުތައް ހޯމަ ދުވަހު ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު މަސްއޮޑި ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބެވެ. އަދި ކުއާޓާގެ ދެވަނަ މެޗު ގްރޫޕް ބީގެ އެއްވަނަ ޓީމު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބް ޕީކޭ ވާދަކުރާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ކުޑަ ހެންވޭރެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ލެގޫންސް ނުކުންނާނީ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.