ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ އެންމެ 2 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މުއްދަތު މި މަހުގެ 14ވަނަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިފައެވެ. އެގޮތުން، ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރު ނުކުރާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 9:00ން މެންދުރުފަހު 2:00އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. އަދި ފޯމު ބަލައިގަތުން ހުކުރު ދުވަހު ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:00ން ހަވީރު 4:00އަށެވެ.
މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގައިދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުވެސް ހުށަހަޅަން ޖެހޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެ ކަމަށް އިލެކްޝަންސްއިން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީން މިހާރު ވަނީ އެ ކޯލިޝަނުގެ ޕްރައިމަރީ ބާއްވައި ދާއިރާތަކުގެ ޓިކެޓް ހަވާލުކޮށްފައެވެ. އަދި އަދާލަތު ޕާޓީން ވެސް ވަނީ އެ ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި ޓިކެޓުތައް ހަވާލުކޮށްފައެވެ. އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ވެސް މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ޕްރައިމަރީ ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ނިންމަވާފައިވާއިރު ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މިފަހަރު ރީ-ރަޖިސްޓަރ ކުރެވޭނީ އޮންލައިންކޮށް އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް އިލެކްޝަންސް އިން ވިދާޅުވެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް، ރީ-ރަޖިސްޓްރީ ކުރަން ޖެހޭނަމަ ވީހާވެސް އަވަހަށް އެކަން ކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މި މަހުގެ 7 ވަނަ ދުވަހަށް ހަމަވާނެއެވެ.